ރާއްޖޭގައި ހިންގާ ސްޕާގެ ހިދުމަތްދޭ ތަންތަން ރެޖިސްޓްރީ ކުރުމަށާއި ހިންގަން ޖެހޭ ގޮތްތަކުގެ ގަވައިދެއް އެކުލަވާލައިފި އެވެ. މިއަދު އިކޮނޮމިކް މިނިސްޓްރީ އިން ކުރި 'ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު' ގެޒެޓުގައި "ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކުގައި ހިންގާ ސްޕާތައް 90 ދުވަސް ތެރޭ އިކޮނޮމިކް މިނިސްޓްރީގެ ދަފުތަރުގައި ރެޖިސްޓްރީ ކުރަން ޖެހޭކަމަށް" ބުނެ އަންގާފައިވެއެވެ.
'ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދަށް އަމަލު ކުރަން ޖެހޭ ތަންތަނުގެ ތެރޭގައި ހިމެނެނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ސްޕާގެ ހިދުމަތްދޭ ތަންތަނާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގައި ސްޕާގެ ހިދުމަތްދޭ ތަންތަނާއި، ޓޫރިސްޓް ރިސޯޓުތަކާއި ޓޫރިސްޓް އުޅަނދުތަކާއި އެއާޕޯޓުތަކުގައި ސްޕާގެ ހިދުމަތްދޭ ތަންތަނެވެ.
ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ސްޕާގެ ހިދުމަތް ދޭން 3 ތަނަކަށް ހުއްދަ ނުދެއެވެ. އެ 3 ތަނަކީ:
- އިންޑަސްޓްރިއަލް ވިލެޖު ނުވަތަ އިންޑަސްޓްރިއަލް މަސައްކަތް ކުރަން ހާއްސަކޮށްފައިވާ ރަށްތަކާއި ސަރަހައްދުތަކާއު
- ވިޔަފާރި އުސޫލުން ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތައް
- ފަޅުރަށްތައް
ސްޕާ ހިންގުމުގެ ހުއްދަ ދޭނީ ގަވައިދުގައި ބުނާ މިންގަނޑަށް އެ ތަންތަން ފެތޭތޯ ބެލުމަށް ފަހުގައި ނޫނީ ހުއްދައެއް ނުދެވޭނެއެވެ. އަދި އެ މިންގަނޑުތަކަށް ފެތޭ ނަމަ ގަވައިދަށް އަމަލުކުރަން ފަށާތާ 90 ދުވަސް ތެރޭ ސްޕާގެ ވިޔަފާރި ހިންގާ ފަރާތްތަކަށް ހުއްދަ ދޫކުރަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ސްޕާ ހިންގާ ތަނުގައި ހުންނަން ޖެހޭނެ ޝަރުތުތަކެއްވެސް ގަވާއިދުގައި ވަނީ ހިމަނާފައެވެ. އެ ޝަރުތުތަކަކީ
- ސްޕާގެ ހިދުމަތްދޭ ތަނުގެ ބޭރުގަައި އެތަނުގެ ނަން ލިޔެ، 'ރެޖިސްޓާޑް ސްޕާ' ޖަހާފައި ހުންނަންވާނެ
- ހިދުމަތް ހޯދަންދާ މީހުން އިށީނދެ ތިބެން ވެއިޓިން އޭރިއާއެއް ހުންނަން ވާނެ
- ހިދުމަތްދޭ ކޮޓަރިތައް ހުންނަންވާނީ ރިސެޕްޝަނުން ވަދެ ނިކުމެވޭހެން
- ހިދުމަތްދޭ ވަގުތު ކޮޓަރިތަކަށް ތިންވަނަ ފަރާތަކަށް ވަދެވިގެން ނުވާނެެ. އަދި ކޮޓަރިތަކުގައި ތަޅު ނުވަތަ ތަންޑު ހަރުކޮށްފައި ހުރެގެން ނުވާނެ
- ކޮޓަރިތަކުގައި ހިދުމަތްދޭން ހުންނަ އެނދަކީ އެކަމަށް ހާއްސަ އެނދަކަށް ވާންޖެހޭނެ. އެއް އެނދަށް ވުރެ ގިނަ އެނދު ބަހައްޓާ ނަމަ ދެ އެނދު ދޭތެރޭ ތިން ފޫޓުގެ ދުރުމިން ހުންނަން ވާނެ
ގަވާއިދުގައި ބުނާ ސްޕާގައި ނުދެވޭނެ ހިދުމަތްތައް:
- ހަމުގެ ބަލިތަކަށް ފަރުވާ ދިނުން
- ލެބޯޓްރީ ޓެސްޓް ހެދުމާއި އެކްސްރޭގެ ހިދުމަތް
- ނުވަތަ މެޝިން ބޭނުންކޮށްގެން ހަމަށް ފަރުވާ ދިނުން
- ބިހި ނުވަތަ ލަކުނު ނުވަތަ އުން ނައްތާލުމާއި އެފަދަ ފަރުވާއަކަށް އެއްވެސް ކަހަލަ ސާޖިކަލް ހިދުމަތެއް
- ސިއްހީ އެއްވެސް ހިދުމަތެއް ނުވަތަ އޮޕަރޭޝަނުގެ ހިދުމަތް ދިނުން
- ހަށިގަނޑުގެ އެތެރެއަށް ނުވަތަ ދެހަން ދޭތެރެއަށް މާއްދާއެއް އެތެރެވާނޭ ފަދަ ގޮތަކަށް ނުވަތަ ނޮން -އިންވޭސިވް ޓްރީޓްމަންޓަކަށް ނުވާގޮތަކަށް، ސިއްހީ ހިދުމަތް ދިނުމަށް ހުއްދަދޭ ފަރާތުގެ ހުއްދަނެތް ފަރާތަކުން އެފަދަ ހިދުމަތެއް ދިނުން
މީގެ އިތުރުން ގަވާއިދުގައި ސްޕާގެ ހިދުމަތްދޭ ތަންތަނުގެ ހިދުމަތްތައް އިޝްތިހާރު ކުރުމުގެ މިންގަނޑު ވެސް ވަނީ ބަޔާން ކޮށްފައެވެ.
އިޝްތިހާރު ކުރުމުގެ މިންގަނޑު
- ސްޕާގެ ހަރަކާތް ހިންގާ ތަނުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ނުވަތަ ހިދުމަތުގެ އޯޑިއޯ އާއި ވީޑިއޯ ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ގެއްލޭނެހެން އިޝްތިހާރުކޮށްގެން ނުވާނެ
- އިޝްތިހާރު ކުރުމުގެ އެއްވެސް މީހަކު ދައްކައިގެން ނުވާނެ
- އިޖުތިމާއީ މިންގަނޑަށް ނުފެތޭ ބަސްމަގާއި އިޝާރާތާއިި އަޑު ބޭނުންކޮށް ދައްކައިގެން ނުވާނެ
'ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު' ބުނާގޮތުން ސްޕާގެ ވިޔަފާރި ނުވަތަ އެ ވިޔަފާރި ހިންގާ ފަރާތާ ބެހޭ ޝަކުވާ ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ.
'ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު' ބުނާގޮތުން (ކަނޑައެޅިފައިވާ ވަކި)ހާއްސަ އިލްމަކާއިި ތަމްރީނެއް ލިބިގެން މެނުވީ ނުދެވޭނެ ހިދުމަތެއް ދޭ މުވައްޒަފެއްނަމަ، އެ ހިދުމަތްދޭ މުވައްޒަފަކީ ހިދުމަތްދޭން ލިބެންޖެހޭ ތައުލީމާއި ތަމްރީނު ލިބިފައިވާ މުވައްޒަފެއްކަން ސްޕާ ހިންގާ ފަރާތަށް އޮންނަން ޖެހޭނީ އެނގިކަށަވަރު ކުރެވިފައެވެ.
އަބަދުވެސް ގަވާއިދު ހަދާވާހަކަ ތިވެރިން ދައްކަމުންދާބައެއް މީހުންނަކީ އެނގޭކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ މަސައްކަތައް ޖަހާބެރުތައް. ކޮބާ އަދާލަތު ހުރިހާ ފާހިޝްކަމެއް ހިންގަމުންދާއިރު ނިދާފައިދޯ ނުވަތަ ލިބޭ ވަގުތީ ފައިދާއަކަށް ތިބެނީ ދޯ ހައްތާވެސް މުނާފިގުން،