މިއީ މިހާރަކަށް އައިސް އެންމެ އާންމު ވަމުންދާ އެއް ވާހަކައެވެ. ސޯޝަލް މީޑިޔާގެ އެކިއެކި ދިމާތަކުން ފާޑުފާޑުގެ ފީޗާ އާޓިކަލްތަކާއި އެކި ކަހަލަ ވީޑިޔޯ ކްލިޕްތަކާއި އަދި ބައެއް މީހުންގެ ތަޖުރިބާވެސް ހިއްސާކޮށް އެކި ކަހަލަ އުކުޅުތައް ބޭނުން ކުރުމަށް ބާރުދޭ ކަންތައް ދަނީ އާންމު ކުރަމުންނެވެ. އެހެންނަމަވެސް މިފަދަ ކަންތައް ކުރަމުންދާ އިރު ބައެއް މީހުންނަށް މީގެ ސަބަބުން ހަމަ ވަރަށްވެސް ހިތާމަވެރި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިސްނާނުލައެވެ. ހަމައެހެންމެ އެއްބަޔަކު މިފަދަ ކަންތައް ކުރާއިރު އަނެއް ބަޔަކު ފެންނަ މަންޒަރާއި އިވޭ އަޑުގެ އެއްވެސް ހަގީގަތެއް ބެލުމެއް ނެތި އެ ތަކެތި ބޭނުން ކުރުމުގެ ނަތީޖާ ވަރަށްވެސް ހިތްދައްޗެވެ.
އެކި ތަފާތު ބުއިންތަކާއި ކެއުންތަކުގެ ވާހަކަ ފެނުމުން އިޝްތިހާރު ކޮށްފައި ހުންނަ ތަސްވީރުން ފެންނަނީ ތެދެއްތޯ ދޮގެއްތޯ ބެލުމަކީ ކާކުގެ ޒިންމާއެއްބާވައެވެ. ވިސްނާލަމާތޯއެވެ. މީހަކު އެއްޗެއް ބުނެލާއިރަށް އެވާހަކަ ގަބޫލު ކުރަން ހިތް އެދުނީމަ ހިތުގެ މައްޗަށް ސިކުނޑީގެ ބާރު ހިންގަން އެބަަޖެހެއެވެ. އެކަކު ކޮފީއަށް ލުނބޯ އަޅައިގެން ދުވާލު ހަތަރުދަމު އެ ބުއިމަށް އިރުޝާދުދޭ އިރު އަނެއް މީހާ ކޮންމެވެސް ކަހަލަ ފަތެއް ބޭނުންކުރަން، އަނެއްމީހާ އެލޯވެރާ ޖޫސް އެކަނި ބުއިމަށް، އަނެއްމީހަކު ކަޅުދިރިއާއި ސައިޑާ ވިނެގާ ބުއިމަށް އިރުޝާދު ދިނުމުން އެމީހުން އެކިޔަނީ ކިހާ ވަރެއްގެ ހަގީގީ ވާހަކައެއްތޯ ބަލާލަން ޖެހޭނެއެވެ. އެ ބުއިމަށް ތި ޖައްސަނީ އަމިއްލަ ހަށިގަނޑަށް ބަދަލެއް ގެންނަން އަމިއްލަ އިހުތިޔާރުގައެވެ. އެހެންކަމަށް ވާނަމަ ތިމާގެ ހަށިގަނޑަށް އެތެރެ ވަނީ ކިހާ ފައިދާ ހުރި އެއްޗެއްތޯ ނުވަތަ ކިހާ ގެއްލުން ހުރި އެއްޗެއްތޯ ދެނެގަތުމަކީ އަމިއްލަ ޒިންމާއެކެވެ.
ރަނގަޅެވެ. ކޮންމެ މީހަކުވެސް ރީތިކޮށް ސްމާޓުކޮށް ހުންނަން ބޭނުން ވާނެއެވެ. އެހެން ނަމަވެސް ބަލަންވީ ތިމާ މީހާ ހަށިގަނޑު ލޫޅާފަތިކޮށް ރީތިކޮށް ބަހަައްޓަން ބޭނުން މިކުރާ ތަކެއްޗަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެއްތޯއެވެ. ސިއްހީ މާހިރެއްގެ ލަފައާ ނުލާ މިފަދަ ތަކެތި ބޭނުން ކުރުމާއި އެކި ކަހަލަ އެޕްލިކޭޝަން ތަކުން ވިއްކާ ބޭސް ފަދަ ތަކެތި ބޭނުން ކުރުން ފަދަ ކަންތަައްތަކުން ދުރުހެލިވާން ހިތްވަރު ކޮށްލާށެެވެ. ބަޔަކު ވިޔަފާރި ކުރިއަރުވަން ހިންގާ މޮޅު ވާހަކައެއްގައި ޖެހި ތިމާގެ ސިއްހަތު ހަލާކުވުމުން ހިއްކާނެ، ލޫޅާފަތި ކުރާނެ ހަށިގަނޑެއް ނުހުންނާނެއެވެ. އޭރުން އަތުން ބޮޑެތި ހަރަދުކޮށްފައި ބޭސްފަރުވާ ކުރަން ތާއަބަދު ހޮސްޕިޓަލުތަކުން ޑޮކްޓަރުންގެ އަރިހުން އުޅެން ސިއްހީ ޙާލަތު މަޖުބޫރުކޮށްފާނެއެވެ.
ސިއްހަތަށް ފައިދާ ހުރި ޑައެޓީޝަނެއްގެ އެހީގައި މިންހެޔޮ ކެއުމާއި ރަނގަޅު ކަސްރަތަކުން ފުރިހަމަ ސިއްހަތަކާއެކު ރީތި ހަށިގަނޑެއް ލިބުމަކީ ހަމަ ފަސޭހައިން ވާނެ ކަމެއްކަންވެސް ހަނދާނުގައި ބަހައްޓާށެވެ.