ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އިބްރާހީމް ރިޒާ ނިޔާވެއްޖެއެވެ. ރިޒާ ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި މެލޭޝިޔާގަ އެވެ.
ރިޒާ އަވަހާރަވެފައި ވަނީ ކެންސަރަށް ފަރުވާ ކުރައްވާތާ ގިނަ ދުވަސްތަކެއް ވީ ފަހުންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދެވުމުގައި ވަރަށް ގިނަ ދުވަސްތަކެއް ވަނީ ހޭދަކުރައްވައިފައެވެ. މިގޮތަށް ފަރުވާ ހޯއްދެވުމުގެ ތެރެއިން ރިޒާ މެލޭޝިޔާއަށް ވަޑައިގެންނެވީ މީގެ ދެމަހެއްހައި ދުވަސް ކުރިންނެވެ.
ރިޒާއަކީ އިދިކޮޅު ޕާޓީ، ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރެކެވެ. ރިޒާއަކީ މަޖިލީހުގައި ގިނަދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރެކެވެ. އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައެވެ. އަދި މަޖިލީހުގެ މެންބަރު ކަމުގައި މިއީ ރިޒާގެ ތިންވަނަ ދައުރެވެ.
މަޖިލީހުގެ ގޮނޑި ކަށަވަރު ކުރެއްވުމުގެ ކުރިން ރިޒާ މަސައްކަތް ކުރައްވާފައިވަނީ ގަނޫނީ ވަކީލެއްގެ ގޮތުގައެވެ. ގާނޫނީ ވަކީލަކަށް ހުންނެވިއިރު، ރިޒާ ވަނީ ގިނަ ފަހަރު ކޯޓުތަކުގައި ޕީޕީއެމްގެ ވަކާލާތު ކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ސުޕްރީމްކޯޓަށް ހުށަހެޅުއްވައި ސުޕްރީމްކޯޓުގައި ވަކާލާތު ކުރި މައްސަލަ ފާހަގަކުރެވެއެވެ. އަދިވެސް އިތުރަށް ރިޒާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އެހެންނަމަވެސް ޖޭއެސްސީގެ މެމްބަރުކަމުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރިޒާ ވަކިކުރެވުނީ އިތުބާރުނެތްކަމުގެ ވޯޓެއްގައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون