އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަޙްމަދު ޣިޔާޘް، ކ.މާފުއްޓަށް ޒިޔާރަތް ކުރައްވައި، އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި މި ޒިޔާރަތަކީ އެމްއެންޑީއެފް މާލޭ އޭރިއާގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ.

އެގޮތުން، އެ ރަށުގެ ހާލަތު ދެނެގަތުމާއި އޭރިއާ ކޮމާންޑުން އެ ރަށުގައި ހިންގިދާނެ އިޖްތިމާޢީ ހަރަކާތްތަކާބެހޭ ގޮތުންނާއި ރަށު ކައުންސިލުން ބޭނުންވާ ކަންތައްތަކާމެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ޒިޔާރާތުގައި، މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ކޮމާންޑަރ މޭޖަރ މުޙައްމަދު ޝަފީޢުއާއި މާލެ އޭރިއާގެ ސްޓާފް އޮފިސަރުންނާއި މާލެ އޭރިއާގެ ސާޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲ ގެ އިތުރުން މާލެ އޭރިއާގެ ފަޔަރ ކޮމްޕޯނަންޓް ކޮމާންޑަރ ވޮރަންޓް އޮފިސަރ 1 ފާރޫޤް އިސްމާޢީލް ވަނީ ބައިވެރިވެލައްވާފައެވެ.