މާފުށީ ޖަލަށް މަސްތުވާތަކެތި ވެއްދުމަށް ފުރަގަސްފަރާތުގައި އެތަކެތި ފޮރުވައިގެން ދިޔަ ގައިދީއަކު އަތުލައިގެންފިއެވެ.

ގައިދީއެއްގެ ފުރަގަސްފަރާތުގައި މަސްތުވާތަކެތި ރައްކާކޮށްގެން ޖަލަށް ވައްދަން އުޅުމާ ބެހޭ ގޮތުން ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ހާމަކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޓުވީޓުގައި ސީޕީ ވިދާޅުވީ މިއީ އިންޓެލިޖެންސް މައުލޫމާތެއް ކަމަށެވެ. މާފުށި ޖަލަށް ގެނައި ގައިދީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބުމާ ގުޅިގެން އެ ގައިދީގެ ހަށިގަނޑު އެކްސްރޭއަށް ގެންދެވުނު ކަމަށެވެ. އަދި އެކްސްރޭ ނަގައި ބެލިއިރު މަސްތުވާތަކެތި ފެނިފައިވަނީ ގައިދީގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުއްޓާ ކަމަށްވެސް ސީޕީ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް މިތަކެތީގެ އެހެން ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިތަކެތި އަތުލައިގެންފައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.

އެ ޓުވީޓާއެކު ކޮމިޝަނަރު އާއްމު ކުރެއްވި ފޮޓޯއިން ފެންނަ ގޮތުގައި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނީ ޖޫސްޕެޓީ ކޮތަޅެއްގެ ތެރޭގައި އެތަކެތި ބަންދުކުރުމަށް ފަހުއެވެ.

މައްސަލައާ ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވާލުމަށް ފުލުހުންނަށް ގުޅުމުން "ހަލި" ނޫހަށް ޖަވާބު ދެމުން ފުުލުހުން ބުނީ އެމައްސަލަ ފުލުހުން ބަލަމުންގެންދާ ކަމަށެވެ.

ޖަލަށް މަނާތަކެއްޗާއި މަސްތުވާތަކެއްޗާއި ފޯނުފަދަ ތަަކެތި ވެއްދުމުގައި އަންހެން ގައިދީންނާއި ފިރިހެން ގައިދީން ވެސް ޝާމިލުވެ، ޖަލަށް ތަކެތި ވައްދަނިކޮށް އަތުލައި ގަނެވިފައި ވެސް ވެއެވެ.