ގުޅިފަޅުގައި ހަދާފައިވާ އެކޮމޮޑޭޝަން ބްލޮކުން ފެނުނު ކަށިތަކަކީ މިދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާގެ ކަށިތައް ކަމަށް ފުލުހުން ބުނެފިއެވެ. މިއީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ބައިތިއްބާ އެކޮމޮޑޭޝަން ބްލޮކެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެތަނުން އިންސާނެއްގެ ކަށިތައް ފެނިފައިވަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކަށިތައް ފެނުނީ ރޯވި އަލިފާން ނިވުމަށްފަހު އެތަނުގައި ދިރިއުޅުނު މީހަކު މަދުވާތީ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. ފެނުނު ކަށިތަަކަކީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެކެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ހަށިގަނޑު އާއިލާއާ ހަވާލު ކުރުމަށް މި ހަފުތާގައި އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ. "ގުޅީފަޅު އަލިފާނުގެ ހާދިސާ ހިނގި ތަނުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އެތަނުން ގެއްލުނު މީހާގެ ހަށިގަނޑުކަން ވަނީ ކަށަވަރުކުރެވިފައި. އެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް މި ހަފުތާގައި ވަނީ އިންޑިއާއަށް ފޮނުވާފައި،" ފުލުހުން ބުނެފައިވެއެވެ.

އެފްކޮންސްއިން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި އެކޮމޮޑޭޝަން ބްލޮކުގައި 457 މީހުން ދިރިއުޅެމުން ދިޔަކަމަށެވެ. އޭގެ ތެރެއިން 78 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެފައިވާއިރު ގެންދިޔަ މީހުންގެ ތެރެއިން 32 މީހަކު އެދުމަތި ކުރެވުނެވެ. ކުދިކުދި އަނިޔާ ލިބުނު 24 މީހަކުގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަން ކޮށްފައިވެއެވެ. ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް އެފްކޮންސްއިން ބުނެފައިވެއެވެ.

މިހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެފްކޮންސް އިން ބުނެފައި ވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަލިފާނުގެ އެކިވަރުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.