ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ގާނޫނީ ވަކީލުންގެ ބައްދަލުވުންތައް އަލުން ފެށިފައިވާކަމަށް، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލުނުކުރެވޭ މައްސަލަ ބޮޑުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ވަކީލުން ވަނީ މި ހަފްތާގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ވަކީލުން ވިދާޅުވާގޮތުގައި މިއަދާ ހަމައަށް އެބޭފުޅުންނަށް ރައީސް ޔާމީނާ ބައްދަލު ނުކުރެވޭނެ ކަމަށް ސަރުކާރުން ދެއްކި ބަހަނާ އަކީ ވަކީލުންގެ ކޮވިޑް ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަނޭޅުމެވެ. ނަމަވެސް އެއީ ހަމައެކަނި ރައީސް ޔާމީންގެ ވަކީލުންނަށް ކުރިމަތިކުރުވާ ޝަރުތެއް ކަމަށް ވަކީލުން ތުހުމަތު ކުރެއެވެ.

މި މަހުގެ ހަ ވަނަ ދުވަހުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ އިބްތިދާއީ އަޑުއެހުން ވެސް ވަކި ހިސާބަކުން ވަނީ ހުއްޓާލަން ޖެހިފައެވެ. އެއީ ވަކީލުންނަށް އެމަނިކުފާނާ ބައްދަލު ނުކުރެވޭތީއެވެ.

މިއަދު ވަކީލުންނަށް އެމަނިކުފާނާ ބައްދަލު ކުރެވުނީ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅައިގެން ނޫނެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މިއަދު ވިދާޅުވީ ގާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް އޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ކަމަށެވެ.

"މި މަހު 6 ގައި ކޯޓު އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރުޤާނޫނީ ހުރަސްތަކަށްފަހު މިއަދު ވަނީ އަލުން ބައްދަލުވުންތައް ފެށިފައި. މިވަރު ވީމާ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު،" ޖަމީލް ވިދާޅުވިއެވެ.