މާފަންނު ނިރުފެހިގެއިން ފެނުނީ މަރުވި މީހެއްގެ ފައިތިލި ކަމަށް މިއަދު ފުލުހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގި މ. ނިރުފެހި ގެއިން ފެނުނު އިންސާނެއްގެ ފައިތިލައަކީ އެ ހާދިސާގައި ފިހުނު މީހެއްގެ ފައިތިލަ ކަން ފުލުހުން މިއަދު ކަށަވަަރުކޮށްދީފިއެވެ.

މިއަދު ފުލުހުން ބުނީ އެ އަލިފާނުގެ ހާދިސާގެ ތަހުގީގުގައި މިހާރު ކުރަމުންދަނީ ތަހުގީގު ފުރިހަމަކުރުމުގެ އެންމެ ފަހުގެ ކަންކަން ކަމަށެވެ. އަދި ނިރުފެހިގެއިން ފެނުނު ފައިތިލައަކީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަ ކަމަށް ބުނެފައިވާއިރު މިހާރު އެފައިތިލަ ވަނީ ވަޅުލާފައި ކަމަށްވެސް ފުލުހުން މިއަދު މީޑިޔާތަަކަށް މައުލޫމާތު ފޯރުކުރަމުން ހާމަކޮށްފައިވެއެވެ.

"ނިރުފެހިގެ ސާފުކުރަމުން ދަނިކޮށް ފެނުނު އިންސާނެއްގެ ފައިތިލަ އަކީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ފައިތިލަކަން ވަނީ ކަށަވަރުކުރެވިފައި. އެ ފައިތިލަ މިހާރު ވަނީ ވަޅުލާފައި،" ފުލުހުން ބުނެފައިވެއެވެ.

ނިރުފެހިގޭގައި މިދިޔަ މަހުގެ ނުވަަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ދިހަ މީހުން މަރުވިއެވެ. އެ ހާދިސާގައި ފިހިގެން ފަރުވާ ދެމުން އައީ އެންމެ މީހަކަށެވެ. އެމީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާތީ އޭނާއަށް ފުރަތަމަ ފަރުވާދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް ހާލު ރަނގަޅުވުމުން ފަހުން ވޯޑަށް ބަދަލު ކުރެވުނެވެ.

އެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ ތިރީ ފްލޯގައި ހުރި ގަރާޖެއްގައެވެ. ގަރާޖުގައި ރޯވި އަލިފާންގަނޑު ދޮޅު މިނިޓު ތެރޭ ވަނީ މުޅި އެ އިމާރާތަށް ފެތުރިފައެވެ. އެ ގޭގެ މަތީ ދެ ފަންގިފިލާއަކީ އެކޮމެޑޭޝަން ބްލޮކުތަކެވެ. މަރުވެފައިވަނީ އެތަނުގައި ދިރިއުޅުނު ބިދޭސީންނެވެ.

އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު މިހާރު ވަނީ އެ މީހުންގެ ގައުމަށް ފޮނުވާލައިފަ އެވެ. އެ ހާދިސާގައި މަރުވީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންގެ އިތުރުން ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ.

އަލިފާނުގެ ހާދިސާ ހިނގި ނިރުފެހިގެ ޕްލޭނިން މިނިސްޓްރީން ވަނީ ތަޅާލައިފައެވެ.