މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ ކ.އަތޮޅުގެ ފައިނަލުން ދިއްފުއްޓާއި ގާފަރު ރޭ ޖާގަ ހޯދައިފިއެވެ.
ދިއްފުށި ފައިނަލުން ޖާގަ ހޯދީ މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެރަށް 3-3 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 5-3 އިން ކުރި ހޯދައިގެންނެވެ. މިމެޗުގެ ފުރަތަމަ ދެލަނޑު ޖަހައި ލީޑް ނެގީ މާފުށިންނެވެ. މިދެލަނޑު ކާމިޔާބު ކޮށްދިނީ އިސްމާއިލް ނަޒީހު އާއި ހުސައިން އިމްރާނެވެ. ފުޓްސަލްގައި އަލަށް ވާދަކުރަމުން އަން ދިއްފުށިން ފައިނަލުގެ އުއްމީދު ދެމެހެއްޓީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ކެޕްޓަން ޒައިން ޒަފަރުގެ ލަނޑުންނެވެ.
ދެވަނަ ހާފުގައި ޑިއޭރިޔާ ބޭރުން ދިއްފުށީ ޓީމުގެ ކީޕަރު ބޯޅައިގައި އަތްލުމުން އޭނާއަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލާފައި ވަނިކޮށް، މާފުށީގެ ނަޒީހުގެ ލަނޑަކުން އެރަށުން ލީޑް އިތުރަށް ފުޅާ ކުރުމުން މާފުށީ ކޮޅަށް މެޗުގެ ނަތީޖާ އެއްކޮށް އެނބުރުނީކަމަށް ބެލެވުނެވެ. ދިއްފުށިން އެޓޭކްތައް ވަރުގަދަ ކޮށް މާފުށީ ގޯލު ފުލުފުލުގައި ފޫއަޅުވާލީ މެޗް ނިމެން ވަރަށް ކައިރިވެފައި ވަނިކޮށެވެ. މިދެލަނޑު ކާމިޔާބު ކޮށްދިނީ އަހްމަދު މާޒިން އާއި މުހައްމަދު އަސްލަމްއެވެ. މިދެލަނޑު ކާމިޔާބު ކުރުމުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ކެޕްޓަން ޒައިންގެ ދައުރު ބޮޑެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ދިއްފުށިން ޕެނަލްޓީތައް ކާމިޔާބު ކުރީ ޒައިން އާއި މާޒިން ، ރިލްވާން ރަޝީދު އަދި އަސްލަމެވެ. މާފުއްޓަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ނަޒީހު އާއި އިމްރާންގެ އިތުރުން އަލީ ޒުހައިރެވެ. ދެޕެނަލްޓީ މާފުށި އަތުން ބޭކާރުވިއެވެ.
މުބާރާތުގެ އެންމެފަހުގެ ރަނައަޕް ގާފަރު، އަތޮޅު ފައިނަލުން ޖާގަ ހޯދީ ކާށިދޫއާ ދެކޮޅަށް ކުޅުނު ސެމީފައިނަލް މެޗް ފުރިހަމަވަގުތު ހަމަވިއިރު 1-1 އިން އެެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން މެޗް ކާމިޔާބު ކޮށްގެންނެވެ.
ގާފަރާއި ދިއްފުށި ފައިނަލުގައި ބައްދަލު ކުރަންޖެހޭއިރު މިދެރަށް ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗް ގާފަރުން ކާމިޔާބު ކުރީ 5-0 އިންނެވެ.