މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތ.އަތޮޅުގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށި 2-3 އިން ބަލިކޮށް ކިނބިދޫއިން ރޭ ޗެމްޕިއަންކަން ހޯދައި ތާރިހު ލިޔެލައިފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި ކުޅުނު މިމެޗް ފަށައިގެންވެސް ނުރައްކާތެރިކޮށް ފެނުނީ މިފަހަރު މިމުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވި ކިނބިދޫއެވެ. ރާއްޖޭގެ ފުޓްސަލްގެ އެންމެ ވަރުގަދަ ރަށުގެ ގޮތުގައި އޮތް ތިމަރަފުށީގެ ގޯލު ކިނބިދޫއިން ހުޅުވާލީ ފުރަތަމަ ހާފުގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އަލީ ފަލާހްއެވެ. އެކަމަކު އޭގެ ކުޑައިރުކޮޅެއް ފަހުން އަލީ ޝިފާއު (ރޮނާ) ގެ ބާރު ހަމަލާއަކުން ތިމަރަފުށިން ނަތީޖާ ހަމަހަމަ ކުރިއެވެ. މިމެޗުގައި ކިނބިދޫގެ ކީޕަރު އަނަސްގެ ފަރާތުންވެސް މޮޅެތި ގިނަ ސޭވްތަކެއް ފެނުނެވެ.

ކިނބިދޫއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި މުހައްމަދު ސަހާއު (ބޭލް) ގެ މޮޅު ކުޅުމާއެކު ތަނަވަސްކުރި ދެފުރުސަތަކުން މުހައްމަދު ޝާފިއު އާއި އަހްމަދު ހަމްދާން ކާމިޔާބު ކުރި ދެލަނޑުންނެވެ. ތިމަރަފުށިން ފަރަގު ކުޑަކުރީ މެޗުގެ އިތުރު ވަގުތުގައި ކެޕްޓަން ސިނާއެވެ.

ތ.އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީގެ އިބްރާހިމް ހަމްދާން (މެސީ) އެވެ.

މިއީ ގޯލްޑަން ފުޓްސަލް މުބާރާތުގެ ތާރިހުގައި ތ.އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ނޫން ރަށަކުން ހޯދި ފުރަތަމަ ފަހަރެވެ. ތިމަރަފުށި ނޫން ރަށަކަށް ތ،ދ،ފ އަތޮޅު ހިމެނޭ ޒޯނުގެ ޗެމްޕިއަންކަންވެސް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ތިމަރަފުއްޓަކީ ގޯލްޑަން ފުޓްސަލް މުބާރާތުގެ މިދިޔަ ދެއަހަރުގެވެސް ޗެމްޕިއަނުންނެވެ. އެކަމަކު މިފަހަރު އެޓީމުގެ ފަރާތުން ކުރީގެ މޮޅު ކުޅުމެއް ނުފެނެއެވެ.