ޔުއެފާ ޔުރޮޕާ ލީގުގެ ދެވަނަ ބުރުގައި އިނގިރޭސިވިލާތުގެ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑާއި ސްޕެއިނުގެ ރެއާލް ބެޓިސް އަދި އާސެނަލް އާއި ސްޕޯޓިންގ ލިޒްބަން ބައްދަލު ކުރަން ޖެހިއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ދެވަނަ ބުރުން ޖާގަ ހޯދީ ސްޕެއިނުގެ މަޝްހޫރު ބާސެލޯނާ ކަޓުވާލުމަށްފަހުއެވެ. ބެޓިސް ދެވަނަ ބުރުން ޖާގަ ހޯދީ މިޑްޖިޔަލޭންޑް ބަލި ކުރުމަށްފަހުއެވެ. މުބާރާތުގެ ފެވަރިޓީޓުންގެ ގޮތުގައި އޮތް މެންޗެސްޓަރ ޔުނައިޓެޑުން ބެޓިސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގް އޮންނާނީ ޔުނައިޓެޑުގެ ދަނޑުގައި ކުރިއަށް އޮތް މާރިޗް މަހުުގެ 10 ވަނަ ދުވަހުގެ ރޭ އެވެ. ދެވަނަ ލެގް ބެޓިސްގެ ދަނޑުގައި އޮންނާނީ މާރިޗް 16 ވަނަ ދުވަހުގެ ރޭ އެވެ.

ޔުނައިޓެޑަށް އެންމެހުން ކާމިޔާބު ކުރެވިފައިވާ ބޮޑު މުބާރާތަކީވެސް ޔުރޮޕާ ލީގުގައި ފާހަގަ ކޮށްލެވެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ސްޕޯޓިންގ ލިޒްބަން ބައްދަލު ކުރާ ފުރަތަމަ ލެގް ސްޕޯޓިންގ ދަނޑުގައި ކުޅޭނީ މާރިޗް މަހުގެ 9 ވަނަ ދުވަހުގެ ރޭ އެވެ. ދެވަނަ ލެގް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ކުޅޭނީ މާރިޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ ގައެވެ.

ދެވަނަ ބުރުގައި ވާދަ ކުރާ ޓީމުތައް:

1. ޔޫނިއަން ބާލިން - ޔޫނިއަން އެސްޖީ

2. ޔުވެންޓަސް - ފްރެއިބާގް

3. ބަޔާ ލެވަކޫސަން - ފްރެންކްވަރަސް

4. އާސެނަލް - ސްޕޯޓިންގ

5. މެންޗެސްޓަރ ޔުނައިޓެޑް - ރެއާލް ބެޓިސް

6. ރޯމާ - ރެއާލް ސޮސިއެޑާޑް

7. ޝަކްތާ ޑޮނެސްކް - ފެޔަނޫޑް