މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި ވަޅި ޖެހި ހާދިސާއާ ގުޅިގެން އެކަކު ހައްޔަރު ކޮށްފިކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ރޭ 21:30 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ.

މި ދިވެހި ފިރިހެން މީހާއަށް ހަމަލާދިނީ މާފަންނު މުރަނގަމަގު, ބީޖީ ގަރާޖު ކައިރީގައި ހުންނަ ކޮސްމެޓިކް ސާމާނު ވިއްކާ ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ހުއްޓައެވެ. މި މާރާމާރީގެ ކުރިން ހުޅުމާލޭގައި ހުންނަ ޖޫސްޓައިމް ނަމަކަށް ކިޔާ ފިހާރައަކަށް ވެސް މޫނު ނިވާކޮށްގެން ތިބި ދެ މީހަކުވަނީ ގެއްލުން ދީފައެވެ.

އެނގިފައިވާ ގޮތުގައި އެ ހަމަލާ ދިނީ ހެލްމެޓް އަޅައިގެން ހުރި ދެ މީހެކެވެ. އަދި ބުރަކަށްޓަށާއި ހަށިގަނޑު އެކި ތަންތަނަށް ވަޅިން ހަމަލާދިނުމުން ފުން ޒަހަމްތަކެއް ލިބިފައިވާކަން އެނގިފައިވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށާއި އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ކަމަށްވެސް ވިދާޅުވިއެވެ.

ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗު ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭނާއަށް އައިސީޔޫއިން ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ.