ހެލްމެޓު އެޅުން ލާޒިމުކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން އުޅޭ މީހުންގެ ތެރެއިން ތުހުމަތު ކުރެވޭ މީހުން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ގާނޫނުތަކުން ހެލްމެޓު އެޅުން ލާޒިމް ކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާ ކޮށް، ކުށްކުށަށް އަރައްގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން، ހެލްމެޓު އެޅުން ލާޒިމް ކުރާ ސަރަހައްދުތައް ފިޔަވައި، އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި، ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހެލްމެޓު އަޅަން ލާޒިމު ކޮށްފައިވާ ގަވާއިދުގައިވާ ގޮތުން، A1 އަދި A0 ގިންތީގެ އުޅަނދު ދުއްވާއިރު، 30 ކިލޯމީޓަރަށް ވުރެ ބާރަށް، އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓު އަޅަން ޖެހެއެވެ.

ފުލުހުން އެހެން ވިދާޅުވެފައިވާއިރު، ފުލުހުން އެހެން ބުނެފައިވާއިރު ހެލްމެޓު އަޅައި، މޫނު ނިވާ ކޮށްގެން މީހުންނަށް ބިރުދެއްކުމާއި، ވައްކަން ކުރުމާއި، ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

އެގޮތުން ދާދި ފަހުން ވެސް، ހުޅުމާލޭގެ ކެފޭއަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ވަދެ އެތަނަށް ގެއްލުން ދީފައިވާ މައްސަލައަކާއި މާލޭގެ ފިހާރައަކަށް ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ވަދެ އެތަނުގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ.