އަމީނިއްޔާ ސްކޫލުގެ 103 ދަރިވަރުންނާއެކު 99 ވަނަ ފުރާވަރު ކޭމްޕު އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މަހު 23 އިން 25 އަށް ކުރިއަށް ގެންދިޔަ މި ކޭމްޕު ނިންމުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޭމްޕުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙްމަދު މަހުލޫފްއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި ރަސްމިއްޔާތުގައި ހެޑް އޮފް ޕޮލިސް ކޯޕަރޭޓް ސަރވިސަސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، ހެޑް އޮފް ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު އަދި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން އަޙްމަދާއި އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި، މި ކޭމްޕަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. ކޭމްޕުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީއެވެ.
ފުލުހުން ވިދާޅުވީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން، އަމީނިއްޔާ ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ފުރާވަރު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ކޭމްޕެއްކަމަށާއި އަދި މި ކޭމްޕު 58 އަންހެން ދަރިވަރުންނާއި 45 ފިރިހެން ދަރިވަރުން ހިމެނޭހެން 103 ދަރިވަރުން ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި ކޭމްޕުގައި، ސްކޫލް ދަރިވަރުންނާ ގުޅުންހުރި މައުލޫތަކާ ގުޅޭގޮތުން އަމީނިއްޔާ ސްކޫލުގެ 167 މުދައްރިސުންނާއި 163 ބެލެނިވެރިންނަށް މައުލޫމާތުދީފައިވެއެވެ.