ވާދަވެރި ކުޅުމަކަށްފަހު 2-3 ސެޓުން މެލޭޝިޔާގެ މައްޗަށް ކުރި ހޯދައި ރާއްޖޭގެ އަންހެން ގައުމީ ވޮލީ ބޯޅަ ޓީމް، ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕުގެ ފައިނަލުން މިއަދު ހަވީރު ޖާގަ ހޯދައިފިއެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ތަރުހީބާއެކު ކުޅެމުންދިޔަ ރާއްޖޭގެ އަންހެން ވޮލީ ގައުމީ ޓީމުން ފުރަތަމަ ސެޓް ގެންދިޔައީ 25-23 އިންނެވެ. އެކަމަކު ދެވަނަ ސެޓް 25-17 އިން ހޯދީ މެލޭޝިޔާއެވެ. ޖެހިގެން އައި ތިންވަނަ ސެޓް ފޯރިގަދަ ކުޅުމަކަށްފަހު ރާއްޖެއިން ކާމިޔާބު ކުރީ 25-23 އިންނެވެ. މެޗުގެ ފޯރިގަދަ ވެގެންދިޔައީ ޖެހިގެން ހަތަރުވަނަ ސެޓް މެލޭޝިޔާއިން 25-21 އިން ކާމިޔާބު ކުރުމުންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ ސެޓް ފެށީއްސުރެ ކޮންޓްރޯލް އަތުލައި 15-9 އިންނެވެ.
ފައިނަލުގައި މާދަމާ ރާއްޖެ ބައްދަލު ކުރާނީ ސިންގަޕޫރާއެވެ. މެޗް ފަށާނީ ރާއްޖޭ ގަޑިން ހަވީރު 16:30 ގައެވެ. މެޗް ކުޅޭނީ ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.