މާލޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ވޮލީ ބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ނުލިބި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު މިރޭ ސެމީފައިނަލުން ކަޓައިފިއެވެ.

ސެމީގައި ރާއްޖެ ބަލިވީ މެލޭޝިޔާ އަތުން ސީދާ ތިން ސެޓުންނެވެ. މެލޭޝިޔާއިން ފުރަތަމަ ސެޓް ގެންދިޔައީ ވަރަށް ފަސޭހަކަމާއެކު 25-14 އިންނެވެ. ދެވަނަ ސެޓް ގެންދިޔައީ 25-18 އިންނެވެ. ރާއްޖެއަށް ރަނގަޅު ވާދައެއް ކުރެވުނީ ތިންވަނަ ސެޓުގައެވެ. ޕޮއިންޓަކަށް ރާއްޖެއިން ކައިރިކޮށްފައި ވަނިކޮށް މެލޭޝިޔާއިން މިސެޓް ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ޔަގީން ކުރީ 25-23 އިން ކުރި ހޯދައިގެންނެވެ.

މިމެޗުގައި ރާއްޖެއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސަރވިސްތައް ރަނގަޅަށް ނުކުރެވުމެވެ. މީގެ ސަބަބުން މެލޭޝިޔާއަށް ގިނަ ޕޮއިންޓްތަކެއް ލިބި ރާއްޖެ ޕްރެޝަރަށް ވެއްޓުނެވެ. މީގެ އިތުރުން މެލޭޝިޔާ ޓީމުގެ ބާރު ޝޮޓްޖެހުންތެރިޔާ ފަހްމީގެ ހަމަލާތައް ހުއްޓުވުމުގައި ދިވެހި ޓީމު ފެނުނީ ދަށްކޮށެވެ.

ފައިނަލުގައި މެލޭޝިޔާ ބައްދަލު ކުރާނީ ސިންގަޕޫރާއެވެ. ސިންގަޕޫރު ފައިނަލުން ޖާގަ ހޯދީ ވަރުގަދަކޮށް ފެނުނު އަފްގާނިސްތާން ސީދާ ތިން ސެޓުން ބަލި ކުރުމަށްފަހުއެވެ. މެލޭޝިޔާ އާއި ސިންގަޕޫރު ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.