ފްރެންޗް ލީގުގައި ރޭ ވާދަވެރި އޮލިމްޕިކް މާސޭ ކޮޅަށް ޖެހި ލަނޑާއެކު، ކްލަބް ލެވެލްގައި ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑުގެ އަދަދު 700 އަށް އަރައިފިއެވެ.
ޕީއެސްޖީ 3-0 އިން މޮޅުވި މެޗުގައި މެސީގެ ލަނޑު ޖެހީ 29 ވަނަ މިނެޓުގައި ކިލިއަން އެމްބައްޕޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ކުރިން އެމްބައްޕޭ ވަނީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑެއް ޖަހައި ޕީއެސްޖީއަށް ލީޑް ނަގައިދީފައެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު، 55 ވަނަ މިނެޓުގައި އެމްބައްޕޭ ކާމިޔާބު ކުރީވެސް މެސީ ތަނަވަސްކޮށްދިން ހިތްގައިމު ފުރުސަތަކުންނެވެ.
މިމެޗުގައި މާސޭ ކޮޅަށް މެސީ ޖެހި ލަނޑަކީ އޭނާގެ ކެރިޔަރުގައި އެކްލަބް ކޮޅަށް ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. މީގެ ކުރިން މެސީ ވަނީ 3 މެޗް މާސޭއާ ދެކޮޅަށް ކުޅެފައެވެ.
ކްލަބް ލެވެލްގައި މެސީ މިހާތަނަށް ކާމިޔާބު ކުރި 700 ގެ ތެރެއިން 672 ލަނޑު ކާމިޔާބު ކުރީ ބާސެލޯނާގެ ޖާޒީގައެވެ. ޕީއެސްޖީގެ ޖާޒީގައި ކާމިޔާބު ކޮށްފައި ވަނީ 28 ލަނޑެވެ. ބާސެލޯނާއިން ކޮންޓްރެކްޓް އާނުކުރުމުން ޕީއެސްޖީއަށް މެސީ ބަދަލުވީ މިދިޔަ ސީޒަނުގައެވެ.
ކްލަބް ލެވެލްގައި މިހާތަނަށް މެސީގެ އިތުރުން 700 ލަނޑު ކާމިޔާބު ކޮށްފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ކްލަބް ލެވެލްގައި ރޮނާލްޑޯ ވަނީ މިހާތަަނަށް 709 ލަނޑު ކާމިޔާބު ކޮށްފައެވެ.