ކ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން އެބޭފުޅާގެ ހަނދާނުގައި ސުކޫތެއް ގެނެސްފިއެވެ. މި ސުކޫތު ގެނެސްފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލާފައިވާކަމަށާއި އަދި ތިން ދުވަހަށް މި ދަފްތަރު ހުޅުވާލުމަށް ނިންމާފައިވާއިރު އާންމު ރައްޔިތުންނަށްވެސް މި ދަފްތަރުގައި ސޮއިކުރެވޭނެކަމަށެވެ.
އިބްރާހިމް ރިޒާ އަވަހާރަވެފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މެލޭޝިޔާގައެވެ. އެމަނިކުފާނަކީ ޕީޕީއެމަށް ނިސްބަތްވާ މަޖިލީސް މެންބަރެކެވެ. އަދި ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެވެ.
މީގެ އިތުރުން ރިޒާ ވަނީ ސަތާރަވަނަ މަޖިލީހާއި އަށާރަ ވަނަ މަޖިލީހާ މިހާރު މިހިނގާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކ. ގުރައިދޫ ދާއިރާ ތަމްސީލުކުރައްވާފައެވެ. މަޖިލީހުގެ ގޮނޑި ކަށަވަރު ކުރެއްވުމުގެ ކުރިން އެމަނިކުފާނު މަސައްކަތް ކުރައްވާފައިވަނީ ޤާނޫނީ ވަކީލެއްގެ ގޮތުގައެވެ.