ސްވިޑެންގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޭން ތެސްލެފް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މިރަސްމިއްޔާތައް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ސްވިޑެންގެ ސަފީރާއި ބައްދަލު ކުރައްވައި، ތަޙްނިޔާ ދަންނަވައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިބައްދަލުވުކުރެއްވުމުގައި، ސްވިޑެންގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެޤައުމުގައި ދިވެހިރާއްޖޭގެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި އެ ދެބޭފުޅުންގެ މިބައްދަލު ކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

މިއަހަރު ދިވެހިރާއްޖެއިން ސްވިޑެންއާ ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރޭނެއެވެ.