ސޫދާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޢަބްދުﷲ އުމަރު ބަޝީރު އަލްހުސައިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ފަތްކޮޅު އެރުވުގެ މި ރަސްމިއްޔާތުގައި ސޫދާންގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ކުރިޔަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތައްކުޑަކުރުމަށް މަސައްކަތްކުރުމާ ބެހޭގޮތުން ރައީސް ސާލިޙް އާއި ސޫދާންގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިޙް ވަނީ ވަކި ޤައުމަކަށް ބެލުމެއްނެތި ރާއްޖެއިން އޮން އެރައިވަލް ވިސާ ދެމުންދާކަން ފާހަގަކުރައްވާ ދިވެހިންނަށް ސޫދާނަށް ދަަތުރުކުރުމަށް ލުއި ފަސޭހަކަން ލިބިގެންދިއުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ މިކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި މުޢާމަލާތްތައް އިތުރުވެ ގުޅުންބަދަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުންގެ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ބައެއް ކަންކަމުގައި އެއްބާރުލުން ދެއްވުމާ ބެހޭގޮތުންނާއި، ބައިނަލްއަޤްވާމީ ގޮތުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ބޭފުޅުންގެ ވާހަކަ ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުގެ މަޞްލަހަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކޮށް ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ރާއްޖެއާއި ސޫދާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 10 ޖޫން 1981 ގައެވެ.