އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ށ.ކޮމަންޑޫގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރފައިޓަރ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ކޮމަންޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެސް1، ކެޕްޓަން އިސްމާޢީލް އަކްރަމްއެވެ.

މީގެ އިތުރުން މި ޕްރޮގްރާމަކީ ރަަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވުމަށް، ތަމްރީނު ލިބިފައިތިބި މީހުން އުފެދުމުގެ މަގްސަދުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެެއްކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިމަހު 17 އިން 21 އަށް ހިންގި މި ޕްރޮގްރާމުގައިސޯޅަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ތިން އަންހެން ބައިވެރިންވެސް ހިމެނުނު މި ޕްރޮގްރާމު ފުރިހަމަކޮށްފައިވަނީ ސާދަ ފަރާތަކުންނެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ފަޔަރ ކޮމްޕޯނަންޓްގެ ސިފައިންނެވެ.