1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ ފުރަތަމަ ސޮއިކުރެއްވީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެހި ޙައްޖުވެރިން މަދީނާއަށް ކުރާ ޒިޔާރަތުގައި، ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި އަލްއަދިއްލާ ކޮމްޕެނީއާއެކުގައި ކަމަށާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ އަލްއަދިއްލާ ކޮމްޕެނީގެ އިދާރާގައި މިދިޔަ ހޮނިހިރު ދުވަހުއެވެ.

މީގެ އިތުރުން. 1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާ، މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ޟުޔޫފުލްބައިތު ކޮމްޕެނީއާއެކު ސޮއިކުރެއްވީވެސް އަލްއުސްތާޛް މުޙައްމަދު އަނީލް ކަމަށްވެސް ވިދާޅުވިއެވެ.

ޟުޔޫފުލްބައިތު ކޮމްޕެނީގެ އިދާރާގައި މި އެއްބަސްވުމުގައި ސޮއިކުރެއްވުން އޮތީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދިވެހި ޙައްޖުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.

އެ މިނިސްޓްރީއިން ވިދާޅުވި ގޮތުގައި ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި ދެއްވާ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރު ވަނީ ރާއްޖެއަށް ލިބިފައެވެ. އަދި އިތުރު ކޯޓާ ހޯއްދެވުމުގެ މަސައްކަތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު ޢަލީ ކުރައްވަމުން ގެންދަވާއިރު މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައެވެ.