ޒުވާން ގަލަމުގެ ވެރިޔާ މަމްދޫހު އިބްރާހީމް ލާމު އަތޮޅު ގަމުގައި އޮންނަ ޕަރީފެންގަނޑަށް ނިސްބަތްކޮށް ލިޔެފައިވާ، ތަފާތު ވާހަކަ "ޕަރީފެންގަނޑު" މާދަމާއިން ފަށައިގެން "ހަލި" ނޫހުން ގެނެސްދޭން ވަނީ ހަމަޖެހިފައެވެ. މަމްދޫހު އިބްރާހީމްގެ މިވާހަކައަކީ ޒުވާނުންގެ އިތުރަށް ފުރާވަރުގެ ކުދިންނަށްވެސް ކިޔާލެވޭ ކަހަލަ ވާހަކައެކެވެ. އަދި މިއީ ދިވެހިބަހުގެ ރީތި ބަސްމަގާއި އެ ޒަމާނާއި މިޒަމާން ދައްކުވައިދޭ ފުރިހަމަ ވާހަކައެކެވެ.
މިވާހަކައިގައި މަމްދޫހު ބޭނުންކޮށްފައި ވަނީ މުޅިންވެސް ސާފު ރީތި ދިވެހި ބަހާއި ދިވެހިވަންތަ ސަގާފަތް މިޒަމާނަށްވެސް ކަމުދާ ގޮތަކަށެވެ. ގަނޑުވަރުތަކުގެ ޝާހީ ދިރިއުޅުމާއި ލާމު އަތޮޅު ގަމުގައި އޮންނަ ޕަރީފެންގަނޑު ގަމުގެ އެ ސަރަހައްދުގައި އޮންނަން ޖެހުނު ސަބަބެއްކަމަށް މަމްދޫހުގެ ހިޔާލުން މުޅިން އައު ކުލައެއް ޖައްސާފައި މިވަނީ ގެނެސްދީފައެވެ. ވާހަކައާއެކު މަމްދޫހު ގެނެސްދީފައިވާ ލާމު އަތޮޅުގެ ޗާޓާއި ތަފާތު އެކިކަހަލަ ސްކެޗް ކުރެހުންތައްވެސް ވާހަކަ ފޮތް އެކީގައި ގަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭ ގޮތަށް ފޮތާއެކު ވަނީ ތައްޔާރު ކުރެވިފައެވެ. އަދި ފޮތުގެ ބޭރު ކަވަރަކާއި ބުކްމާކެއްވެސް ފޮތާއެކު ލިބެން ހުރެއެވެ.
މިއީ ރާއްޖޭގައި ފަހަކަށް އައިސް ނުފެންނަ ކަހަލަ ތަފާތު ވާހަކައެކެވެ. ވާހަކައިން ހަނދާން އައު ކޮށްދެނީ އަލިފްލައިލާ، ރުސްތުމްއާއި ސުހުރާބު، ޝާހުޒާދާ މުމްތާޒު ކަހަލަ ބޮޑެތި ވަރުގަދަ ވާހަކަތަކެވެ. ވާހަކަ މި ނޫހުގައި ޝާޢިއު ކުރިކަމުގައިވިޔަސް ވާހަކަ ގަންނަން ބޭނުން ފަރާތްތަކަށް ފަސޭހަ ކަމާއެކު އަތްފޯރާ ވަރުގެ ލުއި އަގެއްގައި މިވާހަކަ ލިބެން ހުންނާނެއެވެ. ވާހަކަ އެކުގައި ކިޔާލަން އެދޭ ފަރާތްތަކަށް އެފުރުސަތު އެބަ އޮތެވެ. "ހަލި" ނޫހާ ގުޅާލައިގެންވެސް މީގެ ފަހުން މި ފޮތް ލިބެން ހުންނާނެއެވެ. 418 ސޮފްހާގެ މިފޮތުގެ އަގަކީ -/300(ތިންސަތޭކަ)ރުފިޔާއެވެ. ފޮތުގެ ހިތްގައިމު ކަމާއި މިހާ ބޯ ފޮތަކާ އަޅާބަލާއިރު ހިފައި ގެންގުޅެން ނުހަނު ލުއި ވެފައި ފަސޭހަ ވުމާއެކު ފޮތުގެ ފެންވަރު، ޗާޕް ކުރެވިފައިވާ މޮޅު ކަރުދާހާއި ސީދާ ގޯލްޑްލީފްއިން ނަން އަޅާފައިވުމާ މިފަދަ އެތައް ކަމަކަށް ބަލާނަމަ މިއީ ހަމަ އާދައިގެ އަގެކެވެ. އެންމެ ހާއްސަކަމަކީ ވާހަކައިގެ ހިތްގައިމުކަމާއި ރީތިކަމެވެ. ޝައުގުވެރިކަމާއި އަސަރުހުރި ވަރެވެ. އަދި މިހާތަނަށް ވާހަކަ ގަނެގެން ގެންގޮސް ކިޔާފައިވާ އެއްވެސް ފަރާތެއްގެ "ހިތްހަމަނުޖެހުމުގެ" އެންމެ ބަހެއްވެސް އިވިފައެއް ނުވާ ކަން ވާހަކައިގެ ރީތިކަން ހާމަކޮށްދެއެވެ.
މާލެސިޓީއަށް އުފަން ހެންވޭރު ސޯސަންވިލާ މަމްދޫހު އިބްރާހީމް ލިޔުންތެރިކަމުގެ ދުނިޔޭގައި އެޅި ފުރަތަމަ ފިޔަވަޅާއެކު ކިޔުންތެރިންނަށް ގެނެސްދީފައި މިވާ ވާހަކަ "ޕަރީފެންގަނޑަކީ އޭނަގެ ވަރަށްވެސް ބުރަ މަސައްކަތެކެވެ. ދެއަހަރުގެ މަސައްކަތާއި ކޮވިޑުގެ ހޫނާއެކު އައި ހުއްޓުންތަކަކަށްފަހު މިނިމުނު 2022ގެ ނޮވެމްބަރު 4 ގައި މިވާހަކަ ވަނީ އާންމުންގެ ތެރެއަށް ނެރެފައެވެ. މަދު ޗާޕަކަށް ވުމުން ފުރަތަމަ އެޑިޝަން ހުސްވެ ދެވަނަ އެޑިޝަނުގެ ފޮތްތައް ހުސްވުމަކާ ހަމައަށް ގޮސްފައިވާއިރު މަމްދޫހު ވަނީ ގިނަ ކިޔުންތެރިންގެ އެދުމުގެ މަތިން ވާހަކައިގެ އަގުވެސް ކުޑަކޮށްފައެވެ. މާގިނަ ފޮތްފިހާރަތަކަށް ނުލައި ހަމައެކަނި ރައުންޑްވަންގެ ފިހާރަތަކާ ހަވާލުކުރި ފޮތަށް އޯޑަރު ދޭތާ 24 ގަޑިއިރުތެރޭގައި އަތޮޅުތެރެއަަށް ފޮނުވައިދޭއިރު މާލެސިޓީގެ އެކި ހިސާބުތަކަށް ހަމަ އެދުވަހު ލިބޭ ގޮތް ވަނީ ހަމަޖައްސާފައެެވެ.
ސިހުރާއި ޖާދޫގެ ކަންތައްތަކާއި ބިރާއި ހާސްކަމާއި އެކުވެރިކަމާއި އާއިލީ ގުޅުންތަކާއި ހާއްސަކޮށް ޕަރިސްތާނުގެ ޕަރީންނާއި އިންސާނުންގެ މެދުގައި ހިނގާ ކަންތައްތައް ދައްކުވައިދޭ މިވާހަކައަކީ މަމްދޫހުގެ މުޅިން އަމިއްލަ ހިޔާލުތަކެކެވެ. ވާހަކައިގައިވާ "ޕަރީފެންގަނޑު" ފިޔަވައި ވާހަކައިގައި އެއްވެސް ހަގީގީ އަސްލެއް ނުހުންނާނެ ކަމަށް މަމްދޫޙު ބުނެފައިވެއެވެ. މަމްދޫހުގެ މިވާހަކައިގެ އިތުރުން އަދިވެސް އެހެން ވާހަކަތައް ކިޔުންތެރިންނާ ހަމައަށް އައުމަށް ތައްޔާރު ވަމުންނެެވެ.
"ހަލި" ނޫހުގައި މިވާހަކަ ޝާއިއު ކުރުމުގައި މަމްދޫހު އިބްރާހީމްގެ އެއްވެސް އިއުތިރާޒެއް ނެތެވެ.
ޝުކުރިއްޔާ ޝައްފާ