ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެެއެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ފުލުހުން ވިދާޅުވީ މި ޕްރޮގްރާމް ނިންމުމަށް ދޫނިދޫގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ޕަރމަނަންޓް ސެކްރެޓަރީ ޙުސައިން ޝަރީފްކަމަށެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ހެޑް އޮފް ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، ހެޑް އޮފް މެރިން ޕޮލިސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް ބައިވެރިވެލެއްވިއެވެ.
މިދިޔަ މަހު 27 އިން 28 އަށް ކުރިއަށް ގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފަައެވެ.
އޭގެ އިތުރުން، އެކި ޑިޕާޓްމަންޓުން ކުރަމުންގެންދާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ތެރެއިން ފަހިކޮށްދީފައިވެއެވެ.
ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ އަދި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާ ބެހޭގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދީ އަދި ވަޒީފާގެ މާހައުލާ މެދު ހޭލުންތެރި ކުރުމަށް މުއައްސަސާތަކާ، ރިސޯޓު އަދި ތަފާތުއެކި ކުންފުނިތައް ގުޅިގެން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.