ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޓޭކްއަވޭ ކެފޭ "ޖޫސްޓައިމަށް" މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އަންހެނަކާއި 6 ފިރިހެނަކާއެކު ޖުމްލަ 7 މީހުން ރޭ ހައްޔަރުކޮށްފިއެވެ.

މި ހަތް މީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އަދި މިމީހުން ހައްޔަރުކޮށްފައި ވަނީ ހަތިޔާރާއި މަސްތުވާތަކެއްޗާވެސް އެކުގައެވެ.

2023 ފެބްރުއަރީ 17 ވަނަ ދުވަހުގެރޭ ހުޅުމާލެ ޖޫސް ޓައިމްއަށް ބަޔަކު ވަދެ ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ފެބްރުވަރީ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުމާ ގުޅިގެން 7 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށާއި މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އަދި މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ވަނީ ޔަގީންކޮށްދީފައެެވެ.

މައްސަލަތައް ގުޅެނީ ހަތަރު ގޭންގެއްގެ މެދުގައި ހިންގަމުން ދާ ހަމަނުޖެހުންތަކަކާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އަދި މި މައްސަލަތަކާ ގުޅިގެން، ފުލުހުން ވަނީ، ހެލްމެޓު އަޅައިގެން އެއްގަމު އުޅަނދު ދުއްވުން ލާޒިމު ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން ސައިކަލު ދުއްވާ މީހުންނަށް ފާރަވެރިވެ، ޝައްކު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރަން ނިންމާފަ އެވެ.

މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.