ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި މައަސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ އަބްދުއްރަހުމާނު ރަފީއު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމުގެ އެއްބައި ހައިކޯޓުން އުނިކޮށްފިއެވެ. އަބްދުއްރަހުމާނު ރަފީއަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި، އަދި މި މައްސަލަ ޖެހުނު އިރުވެސް މީނާ ހުރީ ފުލުހުންގެ ވަޒީފާގައެވެ.

އަބްދުއްރަހުމާނަށް ކޮށްފައި ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ އެއް އަހަރާއި އެއްމަހާއި 28 ދުވަހުގެ ޖަލު ހުކުމެވެ. މައްސަލާގައި ރަފީއު ކުރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފުވީ ހުސްވި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ގައި ސިއްރުއަޑުއެހުމެއްގެ ގޮތުގައި އެ ކޯޓުގައި ކުރިއަށްދިޔަ އިބްތިދާއީ އަޑުއެހުމުގައެވެ. އޭގެ ފަހުން އޭނާ އާންމުންގެ ކިބައިން މައާފަށް އެދި ބަޔާނެއްވެސް ނެރުނެވެ.

ހުކުމް ކުރުމަށްފަހު ތަންފީޒުކުރަން ފެށުމާއެކުހެން ރަފީއުގެ ފަރާތުން މައްސަލައިގެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލަ ރަފީއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ކުރިމިނަލް ކޯޓުން ހުކުމް ކުރީ، އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް ދެގުނަ ބޮޑުކޮށް ކަމަށް ބުނެއެވެ.

އެހެންކަމުން ހައިކޯޓުގައި އޭނާ އެދިފައި ވަނީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބުގެ މިންވަރަކީ ހަތް މަހާއި ހަ ދުވަސް ކަމަށް ކަނޑައަޅުއްވައިދީ، އޭގެ ތެރެއިން ތަހުގީގުގެ ބަންދާއި، ހުކުމާއި ގުޅިގެން ޖަލުގައި ހޭދަކުރި ދުވަސްތައް އުނިކޮށްދެއްވުމަށެވެ.

މި މައްސަލަ ބެލުމަށްފަހު، ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ކުރިމިނަލް ކޯޓުންކުރި ހުކުމުގެ އަދަބު ކަނޑައެޅިބައި ބާތިލުކުރުމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރާ ފަރާތުގެ އިއުތިރާފުން ސާބިތުވެފައިވާތީ، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ މި ކުށުގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށްލުން ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.