ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުން ވޯޓު ލުމުގެ ހައްގު ހޯދައިދިނުމުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ޕީޕިއެމް އިން ދީފިއެވެ. ޕީޕީއެމްއިން މިކަން ޔަގީންކޮށްދީފައި ވަނީ އެޕާޓީގެ އޮފިޝަލް ޓުވިޓާ އެކައުންޓުގައި އިއްޔެ ކޮށްފައިވާ ޓުވީޓަކުންނެވެ.

އިއްޔެ ކޮށްފައިވާ މި ޓުވީޓުގައި ޕީޕީއެމްއިން ހާމަކޮށްފައިވާ ގޮތުގައި (BVISM)ބްލައިންޑް އެންޑް ވިޝުއަލީ އިންޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް، އިން ބޭއްވި ބައްދަލުވުމުގައި ހުށަހެޅުއްވި ގޮތަށް، ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުން ވޯޓު ލުމުގެ ހައްގު މިނިވަން ކަމާއެކު އަދާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އެ ކޯލިޝަނުން އަރުވާކަމުގައެވެ. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އަންނަނީ އެބައިމީހުންނަށް ވޯޓު ލުމުގައި އެހެން މީހުންގެ އެހީއާ ނުލާ ވޯޓުލެވޭނެ ގޮތްތައް ހާމަކޮށްދީ، އެކަމާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކާ ބައްދަލު ކުރަމުންނެވެ.

އެގޮތުން މި ސޮސައިޓީއިން ވަނީ މީގެ ދެދުވަހެއް ކުރިން އެމްޑީޕީއާވެސް ބައްދަލު ކުރައްވާފައެވެ. އަދި އެމްޑީޕީއިންވެސް މި ސޮސައިޓީގެ ފަރާތްތަކުން ވޯޓު ލުމުގައި އެހުށަހަޅާ ކަންތައްތަކުގައި އެންމެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމަށެވެ.

ލޯފަން ފަރާތްތަކަށް، ސިއްރު ވޯޓު ލުމުގެ ފުރުސަތު ހަމަޖައްސާދީފައިނުވާތީ އެކަމަށް ހައްލެއް ގެނައުމަށް ދާދި އިހަކަށް ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފަށްޓަވައިދެއްވުމުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުއްގައިވެސް ހައްލެއް ހުށަހަޅާފައެވެ.

ބްލައިންޑް ސޮސައިޓީއާއި ޕީޕީއެމްްގެ ބައްދަލުވުން

ހައްލެއްގެ ގޮތުގައި އެ ޖަމުއިއްޔާއިން ހުށަހެޅީ، މާ ބޮޑު ބަދަލެއް ނުގެނެސް ވޯޓު ލާ ގަނޑާއި އެއް ބަށްޓަމަކަށް އަދި އެއް ވަރަކަށް ފަރުމާކޮށްފައިވާ، އާންމު ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަމާއި، އެ ފަރާތަށް ވޯޓުލާން ފާހަގަ ލާނެ ގޮޅިއާއި އެއް ހަމައެއްގައި، އެ ކަރުދާސް މަތިން ބާއްވާ ހަރު ގަނޑުގައި ސީދާ އެ ދިމާލުން ފާހަގަ ނިޝާނެއްގެ ބަށްޓަމަށް ކެނޑުމަށެވެ. އެގޮތަށް އެކަން ކުރުމުން އާންމުކޮށް ކަންއޮންނަ ގޮތާއި ހިލާފަށް، އެއްވެސް އިތުރު މީހަކާއި ނުލައި، އާންމު ވޯޓު ކަރުދާހުގެ މަތިން ބާއްވާ ހަރު ކަރުދާހުގައި ކަނޑާފައިވާ ފާހަގަ ނިޝާނުގެ ސަބަބުން ލޯފަން ފަރާތްތަކަށްވެސް، ސިއްރުގައި އެ ފަރާތް ހިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ފުރުސަތު ފަހިވާނެކަމަށްވެސް އެޖަމްއިއްޔާއިން ވަނީ ހާމަކުރައްވާފައެވެ.

ކޮންމެ ލޯފަން ފަރާތަކަށް އެފަދަ ހަރު ކަރުދާހެއް ހަމަޖައްސައިނުދިނަސް، ކޮންމެ ވޯޓު ފޮށްޓެއްގައި އެ ހަރު ޒާތުގެ އެންމެ ގަނޑުކޮޅެއް އިލެކްޝަނުގެ ފަރާތުން ބޭއްވުމުން، އެތަނަށް ވޯޓުލާ ހުރިހާ ލޯފަން މީހުންނަށް އެ ކަރުދާސްކޮޅު ބޭނުންކޮށްގެން ވޯޓު ލެވޭނެކަންވެސް އެބައްދަލުވުމުގައި ދެއްކި ވާހަކައިގަ ހާމަކޮށްފައިވެއެވެ. ލޯފަން ޖަމުއިއްޔާގެ ފަރާތުން އަބްދުﷲ ޒިޔާއު ވިދާޅުވި ގޮތުގައި މިއިންތިޒާމް ހަމަޖައްސަން 1 ލައްކައަށް ވުރެން ގިނަ ރުފިޔާ ހަރަދުނުވާނެ އެވެ.