ކ. މާފުއްޓަށް ބޯޑަރު ހުޅުވާލިފަހުން 2200 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ކޮވިޑް-19އާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން ގެސްޓްހައުސްތައް ހުޅުވާފައިވަނީ މިދިޔަ އޮކްްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
ކޮވިޑްގެ ސަބަބުން ގެސްޓްހައުސް ސިނާއަތް ބަންދުކޮށްފައި އޮތުމަށްފަހު އެންމެ ފުރަތަމަ ފަތުރުވެރިންނަށް ހުޅުވާލާފައިވަނީވެސް މާފުށީގެ ގެސްޓްހައުސްތަކެވެ.
މާފުށި ހެލްތު ސެންޓަރުން ބުނީ ބޯޑަރު ހުޅުވުނުފަހުން މާފުއްޓަށް 2200 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިހާތަނަށް 15 ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އެކްޓިވް ކޭސްގެ ގޮތުގައި އެ ރަށުގައި ހަތަރު ކޭސް އުޅޭ ކަމަށް މާފުށި ހެލްތު ސެންޓަރުން ބުނެއެވެ. އަދި ރަށުގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
ހެލްތް ސެންޓަރުން ބުނީ މާފުށީ ގެސްޓްހައުސް ހުޅުވާލިފަހުން މިހާތަނަށް 15 ފަތުރުވެރިއަކު ޕޮޒިޓިވް ވެފައިވާކަމަށެވެ. މީގެތެރެއިން 11 ފަތުރުވެރިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި ހަތަރު މީހުން އެބަތިބި ކަމަށް މާފުށީ ހެލްތް ސެންޓަރުން ބުނެއެވެ.