ކުށުން ރައްކާތެރިކުރުވުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތަކެއް ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ އެ ރަށްތަކުގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހިންގި ޕްރޮގްރާމްތަކެކެވެ.

މި ފްރޮގްރާމްތަކަކީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެވެ. މިހަރަކާތްތައް ގެންގޮސްފައިވަނީ ޕ ހޯރަފުށި، އިހަވަންދޫ، އުލިގަން، ތުރާކުނު އަދި މަނަފަރު ރިސޯޓުގައެވެ.

މިދިޔަ މަހުގެ ސައިވީހުން ފަށާއިގެން ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތަކުގައި، ހޯރަފުށި ސްކޫލް، އިހަވަންދޫ ސްކޫލް، އުލިގަމު ސްކޫލް އަދި ތުރާކުނު ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށާއި ބެލެނިވެރިން އަދި އިހަވަންދުއާއި ހޯރަފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން މަނަފަރު ރިސޯޓުގެ ދިވެހި މުވައްޒަފުންނަށް މައުލޫމާތުދީފައިވެއެވެ.

މި ޕްރޮގްރާމްތަކުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި ބެލެނިވެރިކަމުގެ ހުނަރުތަކަށް އަހުލުވެރިކުރުވުމަށްވެސް މައުލޫމާތުދީފައިވެއެވެ.

ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ދަރިވަރުން އަހުލުވެރިކުރުވުމާއި ކުދިންގެ ހައްގުތަކާއި ޒިންމާތަކަށް އަހުލުވެރިކުރުމަށް މައުލޫމާތުދީފައިވެއެވެ.