މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މައިމަރުކަޒަކަށް ދަރުބާރުގެ ހަމަޖައްސައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ރިޔާސީ އިންތިހާބަށް އިންތިހާބީ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިދީފައި ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އީސީން ފުރަތަމަ އިންތިހާބީ މައި މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަން މަސައްކަތްކުރީ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުގެ ބައެކެވެ. ނަމަވެސް އެ އިމާރާތުން މީހުން ހުސްކުރެވިފައި ނުވުމާއި އެ އިމާރާތް ލިބުން ލަސްވެއްޖެ ނަމަ މަރާމާތަށް ހޭދަވާނެ މުއްދަތު ދިގުލައިގެން ގޮސްދާނެއެވެ. އަދި އެހެންވެއްޖެ ނަމަ އިންތިހާބުގެ މަސައްކަތްތައް ލަސްވެދާނެތީ އިތުރު ތަނެއް ހޯދައިދިނުމަށް އީސީން ވަނީ އެދިފައެވެ.

"ރިޔާސީ އިންތިހާބު 2023 ގެ އިންތިހާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށް ދަރުބާރުގެ އީސީއަށް ދޫކޮށް ދެއްވާގޮތަށް ޕްލޭނިން މިނިސްޓްރީން ހަމަޖައްސަވައި ދެއްވައިފި،" ހަބީބު ވިދާޅުވެފައިވެއެވެ.

90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހުއެވެ.