"ހިރިލަންދޫ ފެނަކަ އޮފީސް" އިމާރާތް މިއަދު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހުޅުއްވައި ދެއްވައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން ކޮޅުމަޑުލު ހިރިލަންދޫގައި އިމާރާތް ކޮށްފައިވާ އެ ކޯޕަރޭޝަނުގެ ހިރިލަންދޫ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ހިރިލަންދޫ 'ފެނަކަ އިންޖީނުގޭ' ސަރަހައްދުގައެވެ.

ރައީސް އިބްރާހީމް ސާލިހު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނު ހިރިލަންދުއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އޮފީސް ހުޅުވައިދެއްވުމުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިރިލަންދޫ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި، ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާ ކުރެއްވި އެވެ.

ގައުމަށް ތަރައްގީ ގެނައުމުގައި، މި ސަރުކާރުން ވަކި ރަށެއް ތަފާތު ނުކުރާ ކަމުގެ ހެއްކެއްގެ ގޮތުގައި ހިރިލަންދޫގެ ތަރައްގީއށް ކުރެވުންދާ ކަންކަން ފާހަގަ ކުރައްވަމުން ރައީސް އިބްރާހީމް ސާލިހު ވިދާޅުވީ ގައުމު ތަރައްގީ ވާނީ އާއިލާތަކަށް ރަށްރަށުގައި ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހި ރައްޔިތުން ތަރައްގީ ވުމުން ކަމަށެވެ. އަދި ރާއްޖޭގެ ކަރަންޓުގެ ހާލަތަށް އެމަނިކުފާނު ވަނީ ނަޒަރު ހިންގަވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް އިބްރާހީމް ސާލިހުގެ ވާހަކަފުޅުގައި ރާއްޖެ ތަރައްގީކުރެވެމުން އައި ގޮތަށް އަލިއަޅުވާލައްވާފައި ވެއެވެ. އެގޮތުން މިސަރުކާރު އައިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ އާއި ކަރަންޓް ފަދަ އެންމެ އަސާސީ ކަންކަންވެސް ފުރިހަމަ ނޫންކަން ފާހަގަ ކުރެއްވުމާއެކު ރާއްޖެ އޮތީ ތަރައްގީ ވާންވީ މިންވަރަށް މީގެކުރިން ތަރައްގީ ނުވެކަމަށްވެސް ރައީސްގެ ވާހަކަފުޅުފައި ވަނީ ވިދާޅުވެފައެވެ. އަދި ރައީސްގެ ވާހަކަފުޅުގައި އަލަށް މިހުޅުވުނު އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ހިރިލަންދޫގެ ރައްޔިތުންކަން ފާހަގަކުރެއްވިއެވެ.

ހިރިލަންދޫގައި ހުޅުވުނު "ފެނަކަ"އިގެ އާ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެaރެއިން....ފޮޓޯ: ފެނަކަ

ކަރަންޓުގެ ހާލަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު މީގެ ކުރިން އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ހިރިލަންދޫގެ ކަރަންޓްގެ ހާލަތުވެސް ރަނގަޅު ކުރެވިފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އަލަށް ހުޅުވުނު ފެނަކަ އިންޖީނުގޭގެ އޮފީސް އިމާރާތުގެ ސަބަބުން މުވައްޒަފުންނަށް ފަސޭހަތަކާއި، ހިދުމަތްތައް ފުރިހަމަ ވެގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފެނަކައިގެ އާ އިމާރާތް ހިރިލަންދޫގައި ހުޅުވުމުގެ ރަސްމިއްޔާތުގައިރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ...ފޮޓޯ:ފެނަކަ

"ހިރިލަންދޫ ފެނަކަ އޮފީސް"ގެ މި އިމާރާތުގެ މަސައްކަތް 2021 ވަނަ އަހަރުގެ މާރިޗް 31 ގައި ފަށާފައިވާއިރު މަސައްކަތް ނިމިފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ކުރީގައި ހުރި އޮފީސް ބައު އިމާރާތަށް ޖުމްލަ 13 އަހަރު ވެފައިވާއިރު އެ އިމާރާތުގެ ބޮޑުމިނުގައި ހުރީ 9ފޫޓޫ 15 ފޫޓެވެ. އަދި މިހާރު މިހުޅުވުނު އައު އިމާރާތުގެ ބޮޑު މިނުގައި ހުރީ 50 ފޫޓު 35 ފޫޓެވެ. ކުރީގައި އެންމެ ގިނަ ވެގެން ވެސް އޮފީސް އިމާރާތުގައި އެކަމަންޑޭޓް ކުރެވުނު އިރު މި އަލަށް ހުޅުވުނު އިމާރާތުގައި 30އަށް ވުރެ ގިނަ މުއައްޒަފުންގެ އެކަމަންޑޭޓް ޖާގަ އެބަހުއްޓެވެ.

ކުރީގެ އޮފީސް އިމާރާތުގައި ހަމައެކަނި އޮފީސް އޭރިއާ އެއް ހުރި ނަމަވެސް މިހާރުގެ އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއެއްގެ އިތުރުން މީޓިންގ ރޫމަކާއި މެނޭޖަރުގެ ރޫމް އަދި ޓެކްނިކަލް ސްޓާފް ރޫމަކާއި ރެސްޓު ރޫމަކާއި ޕޭންޓްރީ އަދި ފާހާނާވެސް ހިމެނެއެވެ.

ހިރިލަންދޫގެ އާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ސާލިހު ވަނީ އެއިމާރާތް ބައްލަވާ ލައްވާފައެވެ. ތ އަތޮޅުގައި 10 އޮފީސް އިމާރާތުގެ މަސައްކަތް ފެށިފައިވާއިރު އޭގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ އޮފީސް އިމާރާތަކީ ފެނަކައިގެ މިއޮފީސް އިމާރާތެވެ.

.