ކާބޯތަކެތީގެ އަގު ނުވަތަ އިންފްލޭޝަން މިދިޔަ އެއް އަހަރުގެ ތެރޭގައި ހަތް ޕަސެންޓް ބޮޑުވެއްޖެއެވެ.
މިދިޔަ އަހަރު, 2022 ފެށުނުއިރު ކާބޯތަކެތީގެ އަގު ހުރީ 1.94 ޕަސެންޓުގައެވެ. މިދިޔަ އަންގާރަ ދުވަހު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 2022 އަހަރު ނިމުނުއިރު, 1.94 ގައި އޮތް އެ އަދަދު ވަނީ 7.82 ޕަސެންޓް ބޮޑުވެފައެވެ.
7.82 ޕަސެންޓު ކާބޯތަކެތީގެ އަގު ބޮޑުވެފައިވާއިރު, މި ޖެނުއަރީ މަހު ތަކެތީގެ އަގު، ހުސްވި އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 0.96 ޕަސެންޓް ވަނީ އިތުރުވެފައެވެ. އަދި މަހުގެ އަގުތަކަށް އައި ބަދަލު ނުލާ ބަލައިފިނަމަ މި އަހަރުގެ ޖެނުއަރީ މަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.92 ޕަސެންޓުގައެވެ.
އެހެންކަމަށްވުމާއެކު މިއީ މިދިޔަ އަހަރުގެ ތެރޭގައި އެއް މަހުން އިންފްލޭޝަން އެންމެ ބޮޑަށް އިތުރުވި މަހެވެ.
މަހެއްގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައިވަނީ ކެފޭއާއި ރެސްޓޯރެންޓް އަދި ދުންފަތުގެ ބާވަތްތަކުގެ އަގު ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށްވުރެ ޖެނުއަރީ މަހު ކެފޭ އަދި ރެސްޓޯރެންޓްތަކުން ވިއްކާ ތަކެތީގެ އަގު ވަނީ 4.4 ޕަސެންޓް މައްޗަށް ގޮސްފައެވެ. ދުންފަތުގެ ގޮތުގައި ވިއްކާ ތަކެތީގެ އަގު ވަނީ 4.9 ޕަސެންޓް މައްޗަށް ގޮސްފައެވެ.
އިއްޔެއާއި މިއަދުގެ ބާޒާރުގެ ބައެއް އަގުތައް:
- ލެޓިއުސް ކިލޯއެއް -/40
- ޓޮމާޓޯ ކިލޯއެއް -/60
- ކެޕްސިކަމް ކިލޯއެއްް -/65
- ލުނބޯ ކިލޯއެއް -/65
- ގްރޭޕްސް ކިލޯއެއް -/150
- ބީންސް ކިލޯއެއް -/60
- ކުދީނާ 100 ގްރާމް -/20
- ކިއުކަމްބާ ކިލޯއެއް -/85
(މިއީ އިއްޔެއާއި މިއަދު އާންމުގޮތެއްގައި ލޯކަލް މާރުކޭޓުގެ އަގުތަކެވެ. އާދައިގެ ގެއެއްގައި ދިރިއުޅޭ މީހަކު ދެ ލުނބޮއާއި ދެ ޓޮމާޓޯއާއި ދެތިން ކިއުކަމްބާ، ހަނޑޫ ހަކުރު ފުށް، މަސް، ތެޔޮ ހިމަނާލީމަ ދެން ވާނެވަރު ވިސްނާލައްވާށެވެ.)