ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާ މައްސަލަތަކުގެ ތަހުގީގު ނިމުމަކަށް އައިސްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓް އޮފީހުން ހަދާފައިވާ އޮޑިޓް ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އެ މައްސަލަ ފުލުހުންނާއި އޭސީސީ ގުޅިގެން ތަހުގީގު ކުރުމަށް ރައީސް ސޯލިހް ވަނީ އެ ދެ މުއައްސަސާއަށް އަންގަވާފައެވެ.
އޭސީސީން ބުނީ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތަހުގީގު ނިންމުމުގެ މަރުހަލާގައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ބަޔާންތައް ނެގުމުގެ މަސައްކަތް ކަމަށް އޭސީސީ އިން ބުނެއެވެ. އަދި ތަހުގީގު އެއްކޮށް ނިންމަން މާ ގިނަ ދުވަހެއް ނުވާނެ ކަމަށް އޭސީސީ އިން ބުނެއެވެ. އޮޑިޓް ރިޕޯޓު ގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑިންއަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 30.9 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީއިން އެންމެ ފުރަތަމަ ޖަމާކުރަން މަސައްކަތްކޮށްފައިވަނީ އަމިއްލަ މީހެއްގެ އެކައުންޓަށް ކަމަށެވެ.
އަދި އެ ފައިސާ އެ އެކައުންޓަށް ޖަމާ ނުކުރެވުނީ އެކަން ފިނޭންސް މިނިސްޓްރީން ރިޖެކްޓު ކުރުމުން ކަމަށް ވެއެވެ.
އަދި ފަހުން އެ ފައިސާ ހެލްތު މިނިސްޓްރީން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ނަމުގައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވެއެވެ.
ކޮވިޑް19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދު ތަކުގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ވާގޮތުން ހެލްތު މިނިސްޓްރީން ގިނަ މުއާމަލާތްތަކެއް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށް ކަމަށާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ވާގޮތަށް މިނިސްޓްރީގެ މާލީ މުއާމަލާތްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ގެންދިއުމަށްޓަކައި، އެކަށީގެންވާ ނިޒާމެއް ގާއިމްކުރުމަކީ މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތަކަށް ވާއިރު، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ބެހެއްޓުމަކާ ނުލައި، އެޑްވާންސްގެ ގޮތުގައި ޕްރޮޖެކްޓްގެ އަގުގެ 90 އިންސައްތަ ދީފައި ވުމުންނާއި، އެ މުއާމަލާތާ ގުޅިގެން ޕާފޮމަންސް ގެރެންޓީއެއް ބަހައްޓާފައި ނުވުމުން، އެކަމުގައި މާލީ ޒިންމާދާރު ވެރިޔާގެ ޒިންމާ އަދާކުރެވިފައި ނުވާކަމަށް ބެލެވޭ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.