ވ. އަތޮޅު ކައުންސިލް އިދާރާއިން އިސްނަގައިގެން އެއަތޮޅުގައި ކުރިއަށްގެންދާ އިބަމަ ފޯރަމް ފަށައިފި އެވެ. އިބަމަ (ޢިޖްތިމާއީ ބަދަހި މަދަދުވެރިން) ފޯރަމް އޮންނާނީ ވ. އަތޮޅު ފެލިދޫ އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމްގައި އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުން ކަނޑައަޅާފައިވާ އިސް ފަރާތްތަކުގެ އިތުރަށް އެހެނިހެން ފަރާތްތަކުންވެސް ބައިވެރިވެއެވެ.

ޔުނިސެފްގެ އެހީގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ބާއްވަމުންގެންދަވާ "އިބަމަ" ފޯރަމްގެ ޕްރޮގްރާމުގެ މަޤްޞަދަކީ އަތޮޅުގައި އިޖްތިމާޢީ ގޮތުން ދިމާވާ ނާޒުކު ހާލަތްތަކުން މުޖްތަމަޢުގެ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކޮށް ކާމިޔާބީ ލިބޭނޭ ގޮތަކަށް މަސައްކަތް ކުރުމަށްޓަކައި ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އަދި އިބަމަ ހިއްސާދާރު މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރެވޭނޭ ގޮތްތަކެއް ފަހިކުރުމެވެ.

މި ފޯރަމް ފައްޓަވާދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ހަމަހަމަ ކަމާއި އިންސާފު ޤާއިމު ކުރުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން ސަރުކާރުގެ މި ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި އިބަމައިގެ ތެރެއިން ރައްޔިތުންނާއި ވީހާވެސް ގާތުން މުޖްތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަންނަން ޖެހޭ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެން ކަމުން އިޖްތިމާޢީ ރައްކާތެރިކަމާއި އިޖްތިމާޢީ ޙިދުމަތަށް ބޭނުންވެފައިވާ، ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ގެވެށި އަނިޔާ އަދި އެހެނިހެންވެސް އަނިޔާ ލިބިފައިވާ އަންހެނުންނާއި ފިރިހެނުންނާއި އާއިލާތައް ފާހަގަކޮށް، އެފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ޚިދުމަތްތަށް ފޯރުކޮށްދިނުމަށް އިބަމައިގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ފޯރަމުގައި ބައިވެވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި، ޔުނިސެފްގެ އިސް ވެރިންނާއި ވ. އަތޮޅުގެ ރަށްތަކުގެ އިބަމަ މެންބަރުންނާއި، އެއަތޮޅުގެ ރަށު ކައުންސިލްތަކުގެ އިސް ވެރިންނާއި، ވ. އަތޮޅުގެ ސްކޫލްތަކުގެ އިސް ވެރިންނާއި، ވ. އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުންގެ އިސް ވެރިންނާއި، އެއަތޮޅުގެ އަންހުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިސް ފަރާތްތަކުގެ އިތުރުން އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުން ކަނޑައަޅާފައިވާ އިސް ފަރާތްތަކުންނެވެ.

ވ.އަތޮޅުގެ ހުރިހާ ރަށެއްގައި އިބަމައިގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަމްރީންތައް މިހާރު ވަނީ ނިމިފައެވެ.