ސްޕެނިިޝް ކޮޕާ ޑެލްރޭ ސެމީފައިނަލުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ އެލް-ކްލެސިކޯ މެޗުގެ ފެވަރީޓުންނަކީ ރެއާލް މެޑްރިޑް ކަމަށް ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

މިރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިމެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ އެންމެފަހުން ކުޅުނު 2 މެޗުން ބާސެލޯނާ ބަލިވުމާއި އަނިޔާގެ މައްސަލަތަކާހެދި އޭނާގެ ޓީމު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށެވެ.

"މިދިޔަ ސީޒަނުގައި މޮޅަށް ކުޅެ އަހަރެމެން ރެއާލްގެ މައްޗަށް ކުރި ހޯދިން ބެރްނަބާއޫ (ރެއާލްގެ ދަނޑު) ގައި. އެކަމަކު އަދިވެސް އަހަރެމެން މިއޮތީ ޓީމެއް ބިލްޑް ކުރުމުގެ މަރުހަލާގައި. އަހަރެމެން ވާދަ ކުރަން ޖެހޭ ރެއާލް މެޑްރިޑަކީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެންފީލްޑުގައި (ލިވަޕޫލްގެ ދަނޑު) ގައި ވަރުގަދަ ނަތީޖާއެއް ހޯދި ޓީމެއް. އަހަރެމެން މިވާހަކަ ދައްކަނީ ލަލީގާ އާއި ޔޫރަޕް އަދި ދުނިޔޭގެ އެންމެފަހުގެ ޗެމްޕިއަން ކްލަބާ ގުޅޭ ގޮތުން މިރޭގެ ފެވަރީޓުންނަކީ ރެއާލް. އަހަރެމެންނަށް އޮތީ ރަނގަޅު ވާދައެއް ދިނުމަށް މަސައްކަތް ކުރުން" މިދިޔަ ހަފްތާގައި ލިވަޕޫލްގެ މައްޗަށް ރެއާލްއިން ހޯދި ތަފާތު ބޮޑު ނަތީޖާއެއް އިޝާރާތް ކުރަމުން ޒަވީ ބުންޏެވެ.

އަނިޔާގެ ސަބަބުން، ބާސެލޯނާގެ މުހިއްމު މިޑްފީލްޑަރު ޕެޑްރީއަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އާއި ވިންގަރ އޮސަމަނޭ ޑެމްބެލޭއަށްވެސް އަނިޔާގެ ސަބަބުން ރެއާލްއާ ދެކޮޅަށް މިރޭ ނުކުޅެވޭނެއެވެ.

މިރޭގެ އެލް-ކްލެސިކޯއަކީ ބާސެލޯނާ އާއި ރެއާލް ބައްދަލު ކުރާ 252 ވަނަ މެޗެވެ. މީގެ ތެރެއިން 101 މެޗުން ރެއާލް މޮޅުވިއެވެ. ބާސެލޯނާ މޮޅުވީ 98 މެޗުންނެވެ.