ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ސްނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން އެކެއްގެ ފައިނަލުން ހދ.ނާވައިދޫ އާއި ށ.ކަނޑިތީމް މިރޭ ޖާގަ ހޯދައިފިއެވެ.

ނާވައިދޫ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ފަސޭހަ ކަމާއެކު ށ.ފޯކައިދޫގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ. ނައިވާދޫގެ ގޯލުތައް ޖަހައިދިނީ އިސްމާއީލް ވަހީދާއި އަބްދުﷲ ވިސާމްގެ އިތުރުން ޔާމީން މުހައްމަދު (ޔާންޓެ) އާއި އަހުމަދު ހަމީދު (އަންމަޑޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނައިވާދޫގެ ގޯލު ބެލެހެއްޓި އަބްދުﷲ ސާމިންއެވެ.

ކަނޑިތީމް ފައިނަލުން ޖާގަ ހޯދީ ސެމީގައި ހދ. ނޭކުރުންދޫގެ މައްޗަށް ވާދަވެރި ކުޅުމަކަށްފަހު 2-1 އިން ކުރި ހޯދައިގެންނެވެ. ކަނޑިތީމުގެ ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ. ނޭކުރުންދޫގެ ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން މުހައްމަދު ވިލްފެވެ.

ކަނޑިތީމާއި ނާވައިދޫ ބައްދަލު ކުރާ ފައިނަލް މެޗް ކުޅޭނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ރޭ 20:00 ގައެވެ.