އަމިއްލައަށް މަރުވުމަކީ ހައްލެއްނޫންކަމަށާއި އެއީ އިމްތިހާނަށް ކެތްތެރިނުވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ހިތާމަތަކާއި ހިތްދަތިކަމާ ކުރިމަތިލާންޖެހޭ މުސްލިމް އަޚުންނޭ. އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫން. އެއީ ހަޔާތުގެ ވާދަވެރި ރޭހުން ބަލިވެއްޖެ ކަމަށް ޤަބޫލުކޮށް ފަހަތަށް ޖެހުން. އަމިއްލައަށް މަރުވުމަކީ ﷲ ގެ ނިޔާއަށް ނުރުހުން. އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް"

ހުކުރު ޚުތުބާގައި އިތުރަށް ވިދާޅުވީ ތިމާގެ މުޅިހަޔާތުގައި ހޯދި މުދާތައް ގެއްލުމުގެ ސަބަބުން، ނުވަތަ ހަޔާތުގެ ބައިވެރިޔާ ބޭވަފާތެރިވުމުން، ނުވަތަ ލިބޭ އަނިޔާއެއްގެ ސަބަބުން އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫންކަމަށެވެ. އެއީ ފިނޑި އަމަލެއް ކަމަށާއި، އަމިއްލައަށް މަރުވުމުން މިދުނިޔޭގެ އިތުރުން ދެން އޮތް ދުނިޔެވެސް ގެއްލުނީ ކަމަށެވެ. އަދި ދެވަނަ ފުރުސަތެއް ނުލިބޭނެ އަމަލެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދިމާވާ މައްސަލަތައް ގާތްމީހަކާއި ނުވަތަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއްގެ އެހީ ހޯދުމަށް ޚުތުބާގައި ވަނީ ބާރުއަޅާފައެވެ. އަދި ވަނީ މުއުމިނު އަޅުންނަށް ދިމާވާ ދަތި އުނދަގޫތަކުން ދުރުކުރުމަށް އެކަކު އަނެކަކު މަސައްކަތް ކުރުމަށް ޚުތުބާގައި އެދިވަޑައިގެންފައިވެއެވެ. މިގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މަންފާ ލިބެނިވި ހެޔޮ އަމަލެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.