ކޮންމެ ފަހަރަކު އެރޯމާ ތެރަޕީ އުއްބައްތިއެއް ގަތުމަކީ އަތުން ހަރަދު ދާނެ ކަމެކެވެ. އަމުދު ފަހަކަށް އައިސް ބާޒާރުގައި މިތަކެތީގެ އަގުވެސް އުޅެނީ ވަރަށް މަތީގައެވެ. އެހެންކަމުން މިފަދަ އެއްޗެއް ގޭގައި ތައްޔާރު ކޮށްލެވިއްޖެ ނަމަ އެއީ ހާދަ ހަރަދު ކުޑަވާނެ ކަމެކެވެ. އަދި މިއުއްބައްތިން އަރޯމާގެ އުއްބައްތިއަށް ވިރެ ގުދުރަތީ ވަސްތައް ރަނގަޅެވެ. މީރުވަސް ގޭތެރެއާއި ނަފުސު ތާޒާކޮށްލަދެއެވެ.
ބޭނުންވާ ތަކެތި ހޯދުމުގެ ކުރިން ލުނބޮއާއި ކަރަންފުލުގެ ފައިދާތަކަށް ނަޒަރު ހިންގާލާނަމެވެ.
ކޮންމެ ދުވަހަކު ހެނދުނު ކަރަންފޫ ފެން ބުއިމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، އިންފެކްޝަންތަކާއި ރޯގާގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. ކަރަންފީ ފެނަކީ ސިއްހަތަށް ފައިދާހުރި ވިޓަމިންތަކާއި މިނަރަލްތަކުގެ ތެރެއިން ސިއްހަތާއި ދިފާއީ ނިޒާމު އިތުރުކޮށްދޭ މޮޅު މަސްދަރެކެވެ. އަދި މެންގަނީޒް، ވިޓަމިން ކޭ، ވިޓަމިން ސީ، ކެލްސިއަމް، އަދި މެގްނީޒިއަމްގެ ބޮޑު މަސްދަރެކެވެ.
ބަނޑުހައިވުން ކުޑަކުރުމުގެ އިތުރުން މޭނުބައިކުރުމާއި އެސިޑިޓީ ކުޑަކުރުމުގައި ވެސް ކަރަންފ އެހީތެރިވެދެއެވެ. ގުދުރަތީ ތަދު ފިލުވާ އެއްޗެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. ހުސްބަނޑާ ގަވާއިދުން ކްލޯވްސް ބޭނުންކުރުމަކީ މައިގްރެއިން؛ ބޮލުގައި ރިއްސުން ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ދެން ލުނބޮއާއި ކަރަންފޫ އަދި ލޮނު އެއްކޮށްގެން މިތައްޔާރުކޮށްލާ ހިތްހައިމު ބައްތި ހަދަމާ ހިނގާށެވެ.
ހުސްފުޅިއެއް ހޯދާށެވެ. ޖޭމު ކަހަލަ އެއްޗެއް ހުސްވެފައިވާ ބިއްލޫރި ފުޅިއެކެވެ.
ފުޅިއަށް ފުށްލޮނު (ހިމުން ލޮނަށްވުރެ އެދެވިގެން ވަނީ ފުށްލޮނެވެ. މި ފުށް ލޮނު ބާޒާރުގެ ކޮންމެ ފިހާރައަކުންވެސް ލިބެން ހުންނާނެއެވެ.) 1/4 ވާވަރަށް އަޅާށެވެ. މެދުމިނަކަށް ފޮތިފޮއްޗަށް ކޮށާފައި ދެތިން ލުނބޯގެ، ލުނބޯފޮތިތައް ލޮނުގެ މައްޗަށް އަތުރާލާށެވެ.
ހައެއްކަ އަށެއްކަ ވަރަކަށް ކަރަންފޫ އަޅާށެވެ.
ފެން ޖޯޑެއް ގެނެސް ލުުނބޯތައް ފޮރުވޭ ވަރަށް ފެން އަޅާށެވެ. އަދި ދެން ފޮނިތޮށި، ދެތިން އެތިކޮޅު (މެދުމިނެއްގެ)، ބޭނުންނަމަ ހުވަނދުމާ، ގުލޭނޫރަންމަލާއި ގުލްހަޒާރުމަލާއި ފިނިފެންމަލުގެ ފިޔަތައް، އުނިމާ ކަހަލަ މީރުވަސް ދުވާ މާތައްވެސް ފެންގަނޑަށް ލެވޭނެއެވެ.
އަލްކޮހޮލް ޕަސެންޓު ހުރި ކޮލޯން އެއް އެތިފޮދެއް މައްޗަށް އަޅާށެވެ.
ދެެން ކައްކާ ތެލުން މަތި ތެޔޮ ފަށަލައަކަަށް ހެދުމަށްފަހު ތުނި ރަބަރުކޮޅެއް ނޫނީ ޕްލާސްޓިކް ކޮޅެއް ހޯދާފައި އޭގައި ލޯވަޅެއް ކަޑާށެވެ.
ބައްތީގެ ފީތާ ލުމަށް އެ އެތިކޮޅު ބޭނުންކުރާށެވެ.
ފީތާގެ އެއްކޮޅު ތެލުން ތެމޭނެހެން ތެލުގެ މަތީގައި ބާއްވާށެވެ.
އަދި ދެން ބައްތި ރޯކޮށްލާށެވެ. ގޭތެރެއިން މަދިރި، މެހި ކަހަލަ ސޫފިތަކުން ސަލާމަތް ވީއެވެ. ހިނިފަދަ ތަކެތި ބައްތި ބަހައްޓާފައި ހުރި ތަނުގެ މައްޗަށް ނާރާނެއެވެ. އެންމެ އުފާވެރިކަމަކީ ގޭތެރެއިން ދުވާނީ އޮރިޖިނަލް ލުނބޮއާއި ކަރަންފޫގެ ހިތްގައިމު އަރާމު ވަހެވެ. ނުނިދިގެން އުޅޭ ފަރާތެއްނަމަ މިއަރާމު ވަހާއެކު އިސާހިތަކު ނިދިދާނެކަން ގައިމެވެ. އަވަހަށް އަޖުމަ ބަލާލާށެވެ.