ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، ނަހުލާގެ މަޝްހޫރު ފިލްމު "ބޮސް"ގެ ލީޑް ބަތަލް މުހައްމަދު ޔުނާންއާއެކު ބަންދުކޮށްފައިވާ އޭނާގެ އަނބިމީހާ، ފާތިމަތު ރިހުލާ ޝަރުތުތަކަކާއެކު ކޯޓުއަމުރެއްގެ ދަށުން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ރިހުލާ ގެއަށް ބަދަލު މިކުރީ އޭނާއާއި އޭނާގެ ފިރިމީހާ މުހައްމަދު ޔުނާން އާ ދެމީހުން ވެގެން 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ތުހުމަތުގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 4ވަނަ ދުވަހު ޝަރީއަތް ނިމެންދެން ބަންދުކޮށް އެއަހަރުގެ ޑިސެމްބަރުގައި ދައުވާ އުފުލާ އަދިވެސް ޝަރީއަތް ނުނިމި ކުރިއަށް ދަނިކޮށެވެ،

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިހުލާ ގެއަށް ބަދަލުކުރީ ބަލިވެ އިނުމުގެ ސަބަބުންނެވެ. ދެ ޖަލެއްގައި ބަންދުކޮށްފައި ތިބި ކަމަށްވިޔަސް ދެމަފިރިން ކަމަށްވާތީ މިދެމީހުންނަށް އެކަހެރިން ބައްދަލުކުރެވޭނެއެވެ. ކަރެކްޝަނުން ގެއަށް ބަދަލުކުރީ ކޯޓު އަމުރަކަށް ޝަރުތުތަކާއެކުގައެވެ.

ޝަރުތަކަށް ކަނޑައަޅާފައިވަނީ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނާއި ބައްދަލު ނުކުރުމަށާއި މައްސަލައިގެ ހިމެނޭ ކުއްޖާއާ ބައްދަލުނުކުރުމަށް އަމުރުކޮށްފައެވެ.ރިހުލާއަށް ދައުވާ ކޮށްފައިވަނީ ޖުމްލަ 5 ކަމެއްގެ މައްޗަށެވެ. އެއީ އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.މިދައުވާ ތައް ސާބިތުވެއްޖެނަމަ ރިހުލާއަށް ޖަލުހުކުމް 50 އަހަރު މަދުވެގެން އަންނާނެއެވެ. އަދި ގިނަވެގެން 61 އަހަރުގެ ޖަލުހުކުމް އަންނާނެއެވެ.

މުހައްމަދު ޔުނާނަކީ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން ތައާރަފްވެ ފާތުމަތު ނަހުލާގެ ފިލްމު "ބޮސް" އިން ގިނަ ބައެއްގެ ތަރުހީބު ލިބުނު ފަރާތެކެވެ. އަދި ފިލްމެއްގައި ލީޑު އަލަށް ކުޅުނު ނަމަވެސް ޔުނާންއާއި އައްޒަގެ ލޯބީގެ މަންޒަރުތަކެއް ފެންނަ ނަހުލާގެ މި ފިލްމު ވަނީ ވަރަށްބޮޑަށް ކާމިޔާބުވެފައެވެެ.