ސްޕެއިންގެ ލަގްޒަރީ ފެޝަން ހައުސް "ބެލެންސިއާގާ" އިން އެންމެ ފަހުން ކުރިއަށް ގެންދިޔަ ކެމްޕޭނުގައި "ބޮންޑޭޖް ސްޓައިލް"ގެ އައުޓްފިޓްތަކެއް ލައިގެން ތިބިހެން ހީވާ ޓެޑީ ބެއާތަކާއެކު ދެ ކުއްޖަކު ޕޯޒް ކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އަދިވެސް "ބެލެންސިއާގާ"ގެ އައުޓްފިޓްތައް ބާޒާރުގައި ނުވިއްކޭނެކަމަށް މީހުން ދަނީ ކެމްޕޭންކޮށް އަޑުއުފުލަމުންނެވެ.
މި ކެމްޕޭނަކީ ބެލެންސިއާގާގެ ސްޕްރިންގް/ސަމަރ 2023 ކަލެކްޝަންގެ ބައެކެވެ. ދުނިޔޭގެ މަޝްހޫރު އަދި އެހާމެ ކާމިޔާބު ފެޝަން ހައުސްއަކުން މިކުރި ކަމަކުން އެމީހުންގެ މި އަހަރުގެ ހުރިހާ އައުޓްފިޓްތަކެއް ބޭކާރުވެދާނެ ފަދަ ބިރެއް މިހާރު ވަނީ ހީވާން ފަށާފައެވެ.
ނިމުނު އަހަރުގެ ފަހުކޮޅު، މި 2023 އަށް އެމީހުންގެ ސްޕްރިން/ސަމަރ ކަލެކްޝަނަށް ކުރި މި އިޝްތިހާރުތަކާއެކު އަޑު އުފުލަން ފެށި ކޮންޓްރަވާސީ ކެމްޕޭނުން އިންޓަނެޓަށް ތޫފާނެއް އައިފަދައެވެ. ނެޓިޒަނުން(އިންޓަނެޓުގައި އުޅޭ މީހުން) ރުޅިގަދަވެ ބްރޭންޑް ބޮއިކޮޓް ކުރުމަށް ގޮވާލިއިރު އަނެއް ބަޔަކު ގޮވާލީ "ޗައިލްޑް ޕޯން" އަށް ބެލެންސިއާގާ އާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ.
ފަހުން ބެލެންސިއާގާ އިން ވަނީ އެ އިޝްތިހާރުތައް އަނބުރާ ގެންދިއުމަށް ފަހު ޖެހިގެން އައި ދުވަހު ކެމްޕޭނާ ގުޅުން ހުރި ހުރިހާ ތަސްވީރެއް ޑިލީޓްކޮށްފަ އެވެ. ހަމަ އެހަފްތާގެ ކުރީކޮޅު އާންމުންނާއި އެންމެހާ މީހުން ގާތު މައާފަށް އެދުމުން ބުނެފައި ވަނީ "އަޅުގަނޑުމެންގެ ޗުއްޓީ ކެމްޕޭނުން ކުރިމަތިވެދާނެ އެއްވެސް ކުށަކަށް އިޚްލާސްތެރިކަމާއެކު މައާފަށް އެދެން" ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވާގޮތުގައި "އަޅުގަނޑުމެންގެ ޕްލަޝް ބެއާ ބެގްސް މި ކެމްޕޭންގައި ކުޑަކުދިންނާ އެކު ފީޗާކޮށްގެން ނުވާނެ. އަޅުގަނޑުމެން މިވަނީ ވަގުތުން ހުރިހާ ޕްލެޓްފޯމަކުން ކެމްޕޭން ނައްތާލާފައި،” އިންސްޓަގްރާމް ސްޓޯރީގައި އާންމުކޮށްފައިވާ ބަޔާނެއްގައި އެކުންފުނިން ލިޔެފައިވެ އެވެ.
"އަޅުގަނޑުމެންގެ ކެމްޕޭނުގައި ހަމަނުޖެހޭ ލިޔެކިޔުންތައް ދައްކާފައިވާތީ މާފަށް އެދެން،" އެކުންފުނިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
"އަޅުގަނޑުމެން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައިގެން އަޅުގަނޑުމެންގެ ސްޕްރިންގް 23 ކެމްޕޭން ފޮޓޯޝޫޓަށް ސެޓް އުފެއްދުމާއި ފާސްނުކުރެވިފައިވާ ތަކެތި ހިމަނާފައިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުން މިދަނީ. އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަން، ކޮންމެ ގޮތަކަށްވެސް ކުޑަކުދިންނަށް ކުރާ އަނިޔާ. އަޅުގަނޑުމެން މިތިބީ ކުޑަކުދިންގެ ސަލާމަތާއި ހެޔޮ ދުޅަހެޔޮކަމަށް އެދިގެން އެންމެ ކުރީގައި."
ނަމަވެސް އެ ކުންފުނީގެ ރަސްމީ މައާފަށް އެދުމުން އާންމުންގެ ރުޅި މައިތިރިކޮށް އެމީހުންނާ ދެކޮޅަށް އަޑުއުފުލުން ނުހުއްޓި ކުރިއަށް އަދިވެސް ބައެއް ފެޝަން ޑިޒައިނަރުން އެބަގެންދެއެވެ. ސަބަބަކީ ޑިލީޓު ކުރި ނަމަވެސް އެ އިޝްތިހާރުތަކުގެ ސްކްރީންޝޮޓްތައް އޮންލައިންކޮށް ޓްރެންޑްވަމުންދާ ކަމެވެ. އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ދަނީ އެ ބްރޭންޑާ ލިންކްތައް ހުންނަ މަޝްހޫރު ފަރާތްތަކުން ވާހަކަ ދެއްކުމަށް ގޮވާލަމުންނެވެ.
“އަހަރެން ހީކުރީ މީހުން ޓްރޯލް ކުރާ ކަމަށް، އެކަމަކު ނޫން. އެއީ ހަގީގީ ކަމެއް. ފަހަރެއްގައި މިއީ ބެލެންސިއާގާ ޓްވިޓާ ދޫކޮށްލި ސަބަބަކަށް ވެދާނެއެވެ. ޖަވާބުދާރީވާކަށް އެމީހުން ބޭނުމެއް ނޫނެވެ. އާދެ، މިއީ ބޮންޑޭޖް އައުޓްފިޓް ލައިގެން ޓެޑީ ބެއާ ހިފައިގެން ތިބި ކުދިން،” ޓްވިޓާ ބޭނުން ކުރާ ފަރާތަކުން ޓުވީޓުކޮށް ލިޔެފައިވެ އެވެ.
އެ ކުންފުނިން ކުށްވެރިންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނި ނަމަވެސް، އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި "ފެޝަން ހައުސް" އިން ދައުވާ ކުރަނީ އެ ފޮޓޯތައް ހެދި އިޓަލީގެ ފޮޓޯގްރާފަރު ގެބްރިއެލް ގަލިމްބަރޓީއާ އަކަށް ނޫނެވެ. އޭގެ ބަދަލުގައި ބެލެންސިއާގާ އިން ހަގީގަތުގައި އަނެއްކާވެސް ދައުވާ ކުރަނީ ޚިޔާލުތަފާތުވުން ބޮޑު ކެމްޕޭން(ކޮންޓްރަވާސަލް ކެމެޕޭން) އުފެއްދި ފަރާތްތަކާ މެދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.