ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ، ސިޓީ ކައުންސިލުގެ ބައެެއް ކަންތަކާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް ޝަކުވާ ކުރައްވައި، ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދީފައި ވަނީ ވިލިމާލޭ ކައުންސިލުގެ ތަޅުމަށް ރަސްމީކޮށް ހުށަހަޅައި އަންގައިގެނެއް ނޫންކަމަށް ވިދާޅުވެ އިއްޔެގެ ވަގުތެއްގައި ނޫސްބަޔާނެއް ނެރުއްވައިފިއެވެ.

ނަހުލާގެ މި ޝަކުވާއަކީ މާލޭސިޓީކައުންސިލުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވިލިމާލޭ ކައުންސިލަރާ ކުރެވުނު ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުސަތު ލިބިފައި ނުވާކަމުގެ ޝަކުވާއެކެވެ. މިކަމާ ހިތްހަމަޖެހިވަޑައިނުގެން ނަހުލާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ތަކުރާރުކޮށް އެދުމުންވެސް ވިލިމާލޭ ދާއިރާގެ ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބުދިނުމަށް އޭނާއަށް އެއްވެސް ފުރުސަތެއް ދީފައި ނުވާކަމަށެވެ.

މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ ރައްޔިތުން ކުރި ސުވާލަށް ޖަވާބުދިނުމަށް އެތައް ފަހަރަކު އެދުމުންވެސް އެ ފުރުސަތު ދީފައި ނުވާތީ ނަހުލާ އިއްޔެ ނެރުއްވި މިނޫސްބަޔާނުގައި ބައްދަލުވުމަކީ މައުލޫމާތު ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ޖަވާބުދާރީ ވާން ކައުންސިލުން ބާއްވަން ޖެހޭ ބައްދަލުވުމަކަށް ވާއިރު ކުރެވޭ ސުވާލަށް އެއްވެސް ކައުންސިލަރަކަށް ޖަވާބު ނުދެވޭ ހަރުކަށި އުސޫލެއް އޮވެގެން ވާނެ ކަމަކަށް ނުދެކޭ ކަމަށެވެ. އަދި ވިލިމާލެއާ ގުޅުން ހުރި ސުވާލު ބަޔަކު ކުރިއިރު، ވާހަކަ ދައްކަމުން ދަނިކޮށް ގަސްތުގައި އަޑު ކަނޑާލާފައިވާކަން ފާހަގަ ކުރައްވުމާއެކު ވިދާޅުވެފައި ވާގޮތުގައި ކަންހިގާފައިވާ ގޮތާއި ހިލާފު، ކަމުގެ ހަގީގަތް އޮޅޭ ޖަވާބުތައް ބައެއްކަންކަމާ ބެހޭ ގޮތުން ކުރެވުނު ބައެއް ސުވާލުތަކަށް ދެއްވާފައިވެއެވެ.

އަދިވެސް އިތުރަށް ނަހުލާ ވިދާޅުވެފައިވާ ގޮތުގައި ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާފައިވާއިރު، ކައުންސިލްގެ ތަޅުމަށް ހުށަހެޅުމެއް ނެތި އުސޫލާ ޚިލާފަށް ބައެއް ކަންކަން ކައުންސިލުން އަމިއްލައަށް ނިންމާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. ނަހުލާ ވިދާޅުވީ ޕްލޭނެއް އޮތްއިރު، ވަކި ކަމެއް ކުރުމަށް ބިމެއް ދޫކުރުމުގެ ކުރިން އެކަން ކައުންސިލްގެ ރަސްމީ ޖަލްސާއަށް ހުށަހަޅަން ޖެހުނު ނަމަވެސް އެކަން ކޮށްފައިވަނީ ރަސްމީޖަލްސާއަށް ނާންގައި ކަމަށެވެ. އެގޮތުން ވިލިމާލޭގެ ޝީޝިއާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަލުން ބިޑަށް ހުށަނާޅައި އަދި ކައުންސިލްގެ ރަސްމީ ބައްދަލުވުމަށް ހުށަނާޅައި އަމިއްލައަށް ނިންމާފައިވާކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

އިއުލާނު ނުކޮށް އަދި ބިޑުނުކޮށް ކޮމިޓީ ތެރެއިން ކަންކަން ކުރަން މަސައްކަތް ކުރާ ކަން ފާހަގަކޮށް ނަހުލާގެ އެ ބަޔާނުގައި ހިމަނާފައިވާ ގޮތުގައި ވިލިމާލޭއިން ރެޑްވޭވްއަަަށް ދިން ބިމުގެ އެއްވެސް މައުލޫމާތެއް އޭނާއަކަށް ނޭނގެއެވެ. ވިލިމާލެ އިން ރެޑްވޭވް އަށް ބިމެއް ދިން އިރު، އެ ކުންފުންޏާއެކު އެއްބަސްވުމެއް ހެދީ މީގެ ތިން ދުވަސް ކުރިން އޭނާގެ ބައިވެރިވުމެއް ނެތިކަމަށްވުމުން، އެ އެއްބަސްވުމުގައި އޮތީ ކޮން ޝަރުތުތަކެއް ކަން ވެސް ނޭނގޭ ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ