އެޕަލް ކުންފުނީގެ ޕާޓްނަރު ފޮކްސްކޮން ޓެކްނޮލޮޖީ ގްރޫޕުން އިންޑިއާގައި ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން އާ ފެކްޓްރީއެއް ބިނާކުރަން ނިންމައިފިއެވެ. އައިފޯނު އުފެއްދުމަށް އައު ފެކްޓްރީ ހަދަނީ ބެންގަލޫރުގެ އެއާޕޯޓާ ކައިރި 300 އޭކަރުގެ ބިމެއްގައެވެ.

އެ ފެކްޓްރީން އެޕަލްގެ ފޯނުތައް އުފައްދާއިރު އެ ތާނގައި އެޕަލް ކުންފުނީގެ އިލެކްޓްރިކް ވެހިކަލް ވިޔަފާރިއަށް އުފައްދާ ބައެއް ބައިތައް އުފައްދާފާނެ ކަމަށްވެއެވެ. މި އިންވެސްޓްމަންޓަކީ މިހާތަނަށް އައި ފޯނު އުފައްދައިދޭ ފޮކްސްކޮން އިން އިންޑިއާގައި ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓެވެ.

މި ޚަބަރަކީ، ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމަރ އިލެކްޓްރޯނިކްސް އުފައްދާ ގައުމެއްގެ ގޮތުގައި އޮތް ޗައިނާގެ ދަރަޖަ ގެއްލުމުގެ ނުރައްކާ އޮތް ކަން ދައްކުވައިދޭ އިންވެސްޓްމަންޓެކެވެ. އެޕަލް އާއި އެމެރިކާގެ އެހެން ބްރޭންޑްތަކުން ދަނީ އިންޑިއާ އާއި ވިއެޓްނާމް ފަދަ ލޭބަރުން އަގު ހެޔޮ، އައު ބާޒާރުތަކަށް ބަދަލު ކުރަމުންނެވެ. ކޮވިޑް-19 އާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫ އެރުމުން އައު ގޮތްތައް ހޯދުމަށް ބޮޑެތި ކުންފުނިތަކުން މަސައްކަތް ކުރެއެވެ.

އިންޑިއާގައި ބިނާ ކުރާ އާ ފެކްޓްރީން ގާތްގަނޑަކަށް އެއްލައްކަ މީހުންގެ ވަޒީފާ އުފެއްދޭނެ ކަމަށް ލަފާކުރެވެއެވެ. ޗައިނާގައި ޒެންގްޒޯ ސިޓީގައި ހުންނަ އެޕަލްގެ އެންމެ ބޮޑު ފެކްޓްރީގައި މިވަގުތު ދެ ލައްކައެއް ހާ މީހުން ވަޒީފާ އަދާކުރާއިރު، އެންމެ ބާރު ބޮޑު ވާ މޫސުމުގައި މީހުންގެ އަދަދު އިތުރު ކުރެއެވެ.