ދުނިޔޭގެ ބިމަށް އަހަރަކު އެއް ފަހަރު ފެންނަ މިހިތްގައިމު، ރީތި، ހިތަށް ހަމަޖެހުން ލިއްބައިދޭ މަންޒަރު، އާދެ! ރޭގެ ހަނދު ކައުބަތުﷲ އާ ސީދާވާ މަންޒަރު މިރޭ ފެންނާނެކަމަށް ފަލަކީ އިލްމުވެރިން ކަށަވަރުކޮށްދީފިއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި އިރު ގެފުޅު މަތިން ދަތުރު ކުރާނީ އަހަރަކު ދެފަހަރެވެ. އާންމުކޮށް އިރުގެ މިދަތުރުގެ ހިނދުކޮޅު އަންނަނީ މެއި މަހާއި ޖޫން މަހުގެ ތެރެއިންނެވެ. މިގޮތަށް އިރު ކައުބަތުﷲ އާ ސީދާވާ ހިނދުކޮޅު ކައުބަތުﷲ ގެ ހިޔަނި ފެންނާކަށް ނުހުންނާނެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު މުސްލިމުންގެ ގިބުލަ ކަމަށްވާ މަސްޖިދުލް ހަރާމް ހިމެނޭ ކައުބަތުﷲ އާ ހަނދު ސީދާ ވާނީ މިރޭ މިރޭ ރާއްޖެ ގަޑީން މެންދަމު 12:43 ގައި ކަމަށް ފަލަކީ ޢިލްމުވެރިން ވަނީ ޔަގީންކަން ދީފިއެވެ. މިރޭ އެގަޑީގައި ހަނދު ހުންނާނީ ގެފުޅުން ފެށިގެން 405,368 ކިލޯމީޓަރު އުހުގައެވެ. މިނިމުނު 2022 ގައި މި އުފާވެރި ހިނދުކޮޅު ދުނިޔެއަށް އައީ ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. އަދި 2021ގައި މިމަންޒަރު ފެނުނީ ޖެނުއަރީ މަހުގެ 28 ގައެވެ.

ސައުދީ އެސްޓްރޮނޮމަރ ސޮސައިޓީގެ ވެރިޔާ މާޖިދު އަބޫ ޒާހިރާ ވިދާޅުވީ މި ހޮނިހިރު ދުވަހުގެ ރޭ ސީދާ ކައުބަތުﷲ މަތިން ހަނދު ހުންނާނެ ކަމަށާއި މި ހިތްފަސޭހަ، ހިތްގައިމު މަންޒަރު ފެންނާނީ ރާއްޖެގަޑިން 12:43ގައެވެ. ހަނދު 89.5 ޑިގްރީގައި ހުންނައިރު ހަނދުގެ ޑިސްކް ފުރިހަމައަށް އަލިވާނީ 93 ޕަސެންޓްގައި ކަމަށްވެސް އަބޫ ޒާހިރާ ވިދާޅުވިއެވެ.

ކަޢުބަތުﷲއަކީ މުޅި ދުނިޔޭގައި މުސްލިމުން ނަމާދުކުރާ ގިބްލައެވެ.

ކަޅު ފޮތިގަނޑެއްގެ ހިމޭން މަންޒަރުތަކެއް ގޮތަށް ފަރުމާކޮށްފައިވާ ކައުބަތުﷲ އަކީ އެންމެ ފުރަތަމަ އިބްރާހީމް އަލައިހިއްސަލާމް އާއި ދަރިކަލުން އިސްމާއީލް އަލައިހިއްސަލާމް މިބިނާގެ މަސައްކަތް ކުރެއްވިފަހުން މިއުންމަތުގެ ނަބިއްޔާވެސް މަސައްކަތްޕުޅު ކުރެއްވި ތަނެެކެވެ. އަދި މަހުޝަރާ ހަމައަށްވެސް ﷲގެ ގެކޮޅު އެކަލާނގެ ރައްކައުތެރި ކުރާނެކަން ޔަގީނެވެ، ދުނިޔަވީ ގޮތުން ދުނިޔެމަތީން މިމާތް ބިނާގެ ބެލެހެއްޓުން ތެރިކަން އޮތީ ޤުރައިޝީންގެ އަތުގައެވެ. އެހެންކަމުން ސައުދީ ރަސްގެފާނުގެ ޒިންމާގައި ކަޢުބަތުﷲގެ ތަޅުދަނޑި ރައްކާތެރިކަމާއެކު އަމާނާތްތެރިވެ ގެންގުޅެން ޖެހޭނެއެވެ.