ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށްލި ދުވަހު ދެރަވެގެން ރޮވުނު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަލަށްލި ދުވަހު ބައެއް ފަރާތްތަކުން އުފާފާޅުކުރި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ޖަލަށްލުމުން އެމަނިކުފާނު ދެރަވެ، ރޮވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ ރައީސް ޔާމީނަށް އިންސާފު ލިބުމަށެވެ. އަދި ޝަރުއީ ހުރިހާ މަރުހަލާއެއް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރައްވާ ރައީސް ނަޝީދު ދެއްވިއެވެ.
ރައީސް ޔާމީން ޖަލަށްލުމަކީ އެމަނިކުފާނާ ގުޅުންހުރި ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވެރިން ހައްޔަރުކުރުމުގެ ސަގާފަތް ރައީސް ޔާމީން ދޫކޮށްލިނަމަ މިއަދުގެ ހަގީގަތް އޮންނާނީ ވަރަށް ތަފާތުކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށްލާފައި ވަނީ މަނީލޯންޑަރިންގެ ކުށުގައެވެ. އެ މައްސަލާގައި އެމަނިކުފާނަށް އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.