ފަހު ތިރީސް މިނެޓުގައި ބޯންމައުތު ކޮޅަށް ޖެހި ތިން ލަނޑުން 3-2 އިން އަމިއްލަ ދަނޑުގައި މޮޅުވެ ޗެމްޕިއަންކަން ހޯދުމުގެ އާސެނަލްއިން ރޭ ދައްކާލައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ދެލަނޑު ޖެހީ ބޯންމައުތުންނެވެ. ފުރަތަމަ ލަނޑު، 57 ވަނަ ސިކުންތުގައި ފިލިޕް ބިލިންގ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު، 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކޯސް ސެނޭސީއެވެ. އެކަމަކު އޭގެ ފަސް މިނެޓް ފަހުން ތޯމަސް
ޕާޓޭ، ބޯންމައުތުގެ ގޯލު ފޫއަޅުވާލައި އާސެނަލްއަށް ދިރުން ގެނެސްދިނެވެ.
އާސެނަލްގެ ހަމަލާތައް އޮބިނޯވެގެން ދިޔައީ ސްމިތް ރޯގެ ބަދަލުގައި 69 ވަނަ މިނެޓުގައި އިނގިރޭސި ވިންގަރ ރީސް ނެލްސަން ކުޅެން އެރުވި ހިސާބުންނެވެ. ކުޅެން އެރިތާ ފުރަތަމަ މިނެޓުގައި ނެލްސަން އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅައަކުން އާސެނަލްއަށް އެއްވަރު ކޮށްދިނީ ޑިފެންޑަރު ބެންވައިޓެވެ. މެޗް ނިމެން އެންމެ 3 ސިކުންތައް ވެފައި ވަނިކޮށް މުޅި އެމިރޭޓްސް ސްޓޭޑިއަމް ޖޯޝާއި ފޯރީގެ އަޑުން ގުގުމާލީ މެޗުގެ އިތުރު ވަގުތުގައި ނެލްސަން ވާތު ފައިން ފޮނުވާލި ބާރު ހަމަލާ ބޯންމައުތުގެ ގޯލުގެ ކަނަށް އަމާޒުވެ މުހިއްމު ތިން ޕޮއިންޓް އާސެނަލްއިން ކަށަވަރު ކުރުމުންނެވެ.
މިއީ ދެލަނޑު ފަހަތުގައި އޮތުމަށްފަހު 2012 ވަނަ އަހަރުގެ ފަހުން އާސެނަލްއަށް ޕްރިމިއަރ ލީގުގައި މެޗެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. 2012 ވަނަ އަހަރު ޓޮޓެންހަމް ދެލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް އާސެނަލްއިން ފަހަތުން އަރައި 5-2 އިން މޮޅުވެފައެވެ.
މިނަތީޖާއާއެކު ތާވަލުގެ ކުރީގައި އާސެނަލް އޮތީ 63 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 58 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. ސިޓީ ރޭ ވަނީ ނިއުކާސަލް އަތުން 2-0 އިން މޮޅުވެފައެވެ. ތާވަލުގެ 3 ވަނައިގައި 49 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ. ލީގުގައި ޔުނައިޓެޑް މިރޭ ނިކުންނާނީ ވާދަވެރި ލިވަޕޫލްއާ ދެކޮޅަށެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ.