ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ގދ.ވާދޫ ، ޒޯން އެކެއްގެ ޗެމްޕިއަންކަން ހދ.ނާވައިދޫ އަދި ޒޯން އަށެއްގެ ޗެމްޕިއަންކަން މާފަންނު ރޭ ހޯދައިފިއެވެ.
ޒޯން 6 ގެ ފައިނަލް:
ޒޯން 6 ގެ ޗެމްޕިއަންކަން ވާދޫއިން ހޯދީ ފައިނަލުގައި ލ.ގަން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 3-1 އިން މޮޅުވެގްނެވެ. ގަމުން ލީޑް ނެގީ އަހްމަދު ހަލީމްގެ ލަނޑުންނެވެ. ވާދޫއިން އެރަށު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައި އިބްރާހީމް ޝައުފް މުހައްމަދާއި މުހައްމަދު ނާއިލް އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުސައްނިފް މުހައްމަދުގެ ލަނޑުންނެވެ. މިޒޯނުގެ ކުޅުންތެރިޔާގެ މަގާމް ހޯދީ ވާދޫގެ ތަޖުރިބާކާރު ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) އެވެ.
ޒޯން 1 ގެ ފައިނަލް:
ފޯރިގަދަ ކުޅުމެއް ފެނުނު ޒޯން 1 ގެ ފައިނަލް މެޗް ނާވައިދޫއިން ކާމިޔާބު ކުރީ ށ.ކަނޑިތީމާ ވާދަކޮށް 6-2 އިންނެވެ. ފުޓްސަލްގެ މަޝްހޫރު އަބްދުﷲ ޝާފިއު (ޝާއްޕެ) ނާވައިދޫއަށް ދެލަނޑު ކާމިޔާބު ކޮށްދިންއިރު މިމުބާރާތުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކުޅުންތެރިޔާ ކަމުގައިވާ ނާވައިދޫގެ އަބްދުﷲ ވިޝާމް ވަނީ ހެޓްރިކް ހަދާފައެވެ. ވިޝާމް ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯނުގެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. ޒޯނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝާއްޕެއެވެ ނާވައިދޫއަށް ދެން ލަނޑު ޖަހައިދިނީ މުހައްމަދު އަސްލަމެވެ. ކަނޑިތީމުގެ ދެލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ނިމާލާއި އާދަމް ތައުފީގެވެ.
ޒޯން 8 ގެ ފައިނަލް:
ޒޯން އަށެއްގެ ޗެމްޕިއަންކަން މާފަންނުން ހޯދީ ޕެނަލްޓީ ޖަހައިގެން 5-3 އިން ވިލިމާލެ ބަލިކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުވެސް އޮތީ 2-2 އިން އެއްވަރުވެފައެވެ. މިމެޗުގައި ވިލިމާލޭގެ ދެލަނޑު ކާމިޔާބު ކޮށްދިނީ އިސްމާއިލް ވަޖީހް (ވައްޖެ) އާއި އިސްމާއިލް ވިފާގެވެ. މާފަންނުގެ ދެލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން އަފްޒަލް (އޮޒިލް) އާއި ހުސައިން ސުހައިލް (ސޮކޭ) އެވެ. މިޒޯނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީވެސް ސޮކޭއެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ޒޯން ފައިނަލް މެޗުތައް:
ޒޯން 4: އދ. މާމިގިލި - މ. ދިއްގަރު (ގްރައުންޑް 1) 20:00
ޒޯން 3: ކ. ގާފަރު - އއ. ބޮޑުފޮޅުދޫ (ގްރައުންޑް 2) 20:00
ޒޯން 5: ތ. ތިމަރަފުށި - ދ. ކުޑަހުވަދޫ (ގްރައުންޑް 1) 22:00