އިއްޔެ ޓީޖެޓީ ސަރަހައްދުގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންނާއި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު މީހުންވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މިއީ އިއްޔެ ހަވީރު 5:45 ހާ އިރު ޓީޖެޓީގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްްގައި ހިނގާފައިވާ މާރާމާރީއެކެވެ.

'ހަލި' ނޫހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާއިން މިއަދު ބުނެފައިވަނީ މިމާރާމާރީއާ ގުޅިގެން އިއްޔެ ހައްޔަރު ކުރި 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އެ 11 މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ޒަހަމްވުމުންނާއި އަނިޔާވެފައި ތިބުމުން ހޮސްޕިޓަލަށް ގެންދިޔަ 5 މީހުން ވެސް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށްވެސް ފުލުހުންގެ މީޑިޔާ އިން މައުލޫމާތު ދީފައި ވެއެވެ. މި މާރާ މާރީއާ ގުޅިގެން އިއްޔެ 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި ފަސް މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށްވެސް ގެންދިޔަ ކަމަށް ބުންޏެވެ.

ބިދޭސީން މާރާމާރީ ހިންގީ ޓީ- ޖެޓީ ސަރަހައްދުގައި ދެ ދޯނި އަޅަން އުޅުމުގެ ތެރޭގައި ހިނގައި ދިޔަ ދެބަސްވުމެއްގެ ތެރެއިންނެވެ.

މިމާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެބަ ދެއެވެ. އަދި އޭގެއިން ފެންނަ ގޮތުގައި، ލަކުޑި ބުރި ފަދަ ތަކެތިން އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރު ފެނެއެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

މި ފަހަކަށް އައިސް މާރާމާރީއާއި ތޫނު އެއްޗެހިން ހަމަލަ ދިނުން އާންމުވަމުން އަންނައިރު ބިދޭސީންގެ ފަރާތުންވެސް މިފަދަ މައްސަލަތައް އަންނަނީ އާންމުވަމުންނެވެ. މިދިޔަ ހުކުރުދުވަހު މާލޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީ ހިންގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު އިނގިލީގައި ދަތް އަޅައި ވަނީ ބުރިކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބިދޭސީން ރާއްޖޭގައި ދުވަހެއް ދުވަހެއް ގިނަވަމުންދާއިރު ރާއްޖޭގައި ބިދޭސީންގެ ތަފާތު އެކިހާދިސާތައްވެސް އަންނަނީ ގިނަވަމުންނެވެ.