އެމެރިކާގެ މުސްކުޅި ރައީސު އަތުލަފި ކޮށްގެން ޕެސެފިކް ކަނޑާދިމާއިން އޭނާ ހިފަހައްޓަން ޖެހެނީ ޖަޕާނާއި އޮސްޓްރޭލިއާގެ ބޮޑު ވަޒީރުންނެވެ. އަދި އިންޑިއާ ކަނޑާ ދިމާއިން ހިފަހައްޓައި ދެނީ އިންޑިއާގެ ބޮޑު ވަޒީރެވެ. ފަހަތުގައި އަސާ ހިފައިގެން ހުންނަނީ އިނގިތޭސިވިލާތުގެ ބޮޑު ވަޒީރެވެ.

މިއީ މިއަދުގެ އެމެރިކާގެ ހާލަތެވެ!

ވިއެޓްނާމަށް ގޮސް ހަނގުރާމަ ކުރަން އުޅެނިކޮށް ފައްސާލުމުން، ޖާނާއި ގެން ހެލިކޮޕްޓަރެއްގައި ފިލައިގެން ދިޔަ އެމެރިކާގެ އަބުރާއި އިއްޒަތް އޮތީ އަހަރުތަކެއް ވަންދެން ވެއްޔާ މޮޑެވިފައެވެ.

ޖެހިގެން އައި 20 އަހަރު އެމެރިކާ ހޭދަކުރީ "ވިއެޓްނާމް ސިންޑްރޯމް" އިން ސަލާމަތްވާށެވެ. 1970 އާއި 1980 ގެ އަހަރުތަކުގައި އެމެރިކާއަށް ކުރިމަތިވި ސިޔާސީ އަދި އިޖުތިމާޢީ އުނދަގޫތަކުގެ އެތައް ސަބަބެއް އެބަހުއްޓެވެ. އިގްތިސާދީ ދަތިކަން ކުރިމަތިވިއެވެ. ނަސްލީ ބައިބައިވުމާއި، މަސްތުވާތަކެތީގެ ވަބާ މުޖުތަމައުގައި ފެތުރުމުގެ ސަބަބަކީ ވިއެޓްނާމުގައި ހޯޗީމިންގެ ސިފައިން އެމެރިކާއަށް ވެލިކާން ދިނުމުން ދިމާވި ހާލަތެއް ކަމުގައި ބެލެވެއެވެ.

އެއަށްފަހުވެސް ވިއެޓްނާމްގައި ލިބިގެން ދިޔަ ނިކަމެތިވުމަށް އޮތް ފަރުވާއަކީ އިތުރު އަސްކަރީ ހަމަނުޖެހުންތަކެއް ކަމުގައި އެމެރިކާއަށް ހީވިއެވެ. 1980 ގެ އަހަރުތަކުގައި އެމެރިކާއިން ޕެނަމާ އާއި ގްރެނާޑާއަށް އަރައިގަތެވެ. ލީބިޔާ އާއި ލުބުނާނަށް ސިފައިން ފޮނުވިއެވެ. ލުބުނާންގައި އެމެރިކާގެ ސިފައިންގެ ގަތުލުއާންމެއް ހިންގާލިއެވެ. ލީބިޔާގައި އެމެރިކާ އެމްބެސެޑަރު މަރާލި އެވެ. (ފަހުން ގައްޒާފީވެސް ނަރުދަމާއަށް ވައްޓާލިއެވެ.)

އަހަރުތަކަކަށް އެމެރިކާއަށް ލިބިގެން ދިޔަ ނާކާމިޔާބީއަށް ފަރުވާއެއް ލިބުނީ ސައްދާމް ހުސައިންއާ ދެކޮޅަށް ދެ ހަނގުރާމަ ކޮށްގެންނެވެ.

1991 ވަނަ އަހަރު ހިނގި ގަލްފް ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ވަރަށް ބޭނުންވެފައި އޮތް ހިތްވަރެއް ލިބުނެވެ.

ސެޕްޓެމްބަރު 11 ގެ ފަހުން ފޫގަޅައިގެން އިރާގާއި އަފްޣާނިސްތާނަށް އެރީ ދުނިޔެއަށް އަނެއްކާވެސް ބޮޑު ބާރުކަން ދައްކާށެވެ. ވިހި އަހަރު ފަހުން އަފްޣާނިސްތާންގައި ތާލިބާނުން ވެލިކާންދީފައި ބޭރުކޮށްލިއެވެ.

ވިއެޓްނާމްގެ ނާކާމިޔާބީއަށް ފަހު ކަންކުރިގޮތަށް އެމެރިކާއިން އަނެއްކާވެސް މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މައިދާނުގައި ގެއްލިފައިވާ އަބުރާއި އިއްޒަތް އަނބުރައި ހޯދާށެވެ.

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުގެ ކުރިންވެސް އެމެރިކާގެ ބަސްމަގު ހުރީ ނިކަން ހަރުކޮށެވެ. އެމެރިކާ އޮތީ ތޮޅެލަން ބޭނުންވާނެ ގައުމެއްގެ އިންތިޒާރުގައެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ބަނޑު މުސާރައަށް ބައްދާލާނެ ވާދަވެރިއެއް ބޭނުންވެފައެވެ.

އެމެރިކާއިން އަދިވެސް އޮތީ ހަނގުރާމައަކަށް ހިރުވަހިރުވައެވެ. ރަޝިޔާ ވިއަސް ޗައިނާ ވިއަސް ހެވެ. އެމެރިކާއަށް ސަލާމަތްކަން އޮތީ އަލިފާން ގަނޑެއް ރޯކޮށްލައިގެން ކަން ވޮޝިންޓަނަށް ހީވެއެވެ. އިރާގާއި އަފްޣާނިސްތާނުގައި ދިމާވި ނަފްސާނީ ކަންތައްތަކާއި މީހުންނަށް ކޮށްފައިވާ އަނިޔާތައް އެމެރިކާގެ ހަނދާނާއި ދުނިޔޭގެ ތާރީޚުން ފޮހެވިގެނެއް ނުދާނެއެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް އެމެރިކާ ހުށަހެޅި އެމެރިކާގެ އަގު ވެއްޓިދިއުމުގެ ބިރަކީ އެމެރިކާ އަބަދުވެސް ފާރަވެރިވެ ހުންނަ މައްސަލައެކެވެ. އިޒްރޭލު ސަލާމަތް ކުރުމަށް އެމެރިކާ ކުރާ މަސައްކަތަކީ އަމިއްލަ ފައިދާއަށް ލިބިގަންނަ ތަޖުރިބާއެކެވެ.

ސެޕްޓެމްބަރު 11 އަށްފަހު ކުރި ހަނގުރާމައާ ގުޅިގެން 2050 ވަނަ އަހަރުގެ ނިޔަލަށް 6.5 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ވޮޝިންޓަނުގެ ބޮލުގައި އެޅިފައި ވެއެވެ. ޒަމާނަކަށް އެއިން އަރައިގަންނަން ފަސޭހައެއް ނުވާނެއެވެ.