ޏ.ފުވައްމުލަކުގައި ހިންގަމުންދާ ސްޕާއަކުން ހަށި ވިއްކަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2 ބިދޭސީއަކާއި ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
"ހަލި" ނޫހުން މިކަމާ ގުޅޭ ގޮތުން ކޮށްލި ސުވާލަކަށް ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދެމުން ބުނެފައި ވަނީ ފުވައްމުލަކު ސިޓީ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން 04 މާރިޗު 2023، އިއްޔެ އެސިޓީގައި ބަލައި ފާސްކުރުމެއް ކުރިއަށް ގެންދިޔަ ކަމަށެވެ. މި ބަލައި ފާސް ކުރުމަކީ އެސިޓީގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާ ކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގަައި ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލަ ދަނީ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަންޓްރެފިކިން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ކަމަށެެވެ.