އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިއަށްދާ "އޭޝިއަން ރައިފަލް / ޕިސްޓަލް ކަޕް 2023" ގައި، 10މ އެއަރ ރައިފަލްގެ އަންހެން އަދި ފިރިހެން ކެޓަގެރީން ޤައުމީ ރެކޯޑް މުގުރާލައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި ފިރިހެން 10މ އެއަރ ރައިފަލް އިވެންޓްގެ ޤައުމީ ރެކޯޑް ހޯދާފައިވަނީ ކޯޕްރަލް އިބްރާހީމް ޝިފާންއެވެ. ކޯޕްރަލް އިބްރާހީމް ޝިފާން ޤައުމީ ރެކޯޑް ހޯދާފައިވަނީ 604.9 ގެ ސްކޯރއެއް ހޯދައިގެންނެވެ. ކުރިން ފިރިހެން 10މ އެއަރ ރައިފަލް އިވެންޓްގެ ޤައުމީ ރެކޯޑުގެ ގޮތުގައި ހޯދާފައިވާ ސްކޯރއަކީ 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެލެމްބެންގުގައި ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި ފަސްޓް ސާޖަންޓް ޢަބްދުﷲ މުޙައްމަދު ހޯދި ސްކޯރއެވެ. އެފަހަރުގެ ސްކޯރއަކީ 595.5 އެކެވެ.
މީގެ އިތުރުން، އަންހެން 10މ އެއަރ ރައިފަލް އިވެންޓްގެ ޤައުމީ ރެކޯޑް ވެސް ވަނީ ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާން ހޯދަފައެވެ. ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާން ޤައުމީ ރެކޯޑް ހޯދާފައިވަނީ 589.6 އިން ސްކޯރ ހޯދައިގެންނެވެ. ކުރިން އަންހެން 10މ އެއަރ ރައިފަލް އިވެންޓްގެ ޤައުމީ ރެކޯޑްގެ ގޮތުގައި ހޯދާފައިވާ ސްކޯރއަކީ 589.3 އެވެ. އޭއީ 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ލާންސް ކޯޕްރަލް އާސިފާ ޖައުފަރު ހޯދި ސްކޯރއެވެ.
"އޭޝިއަން ރައިފަލް / ޕިސްޓަލް ކަޕް 2023" ގައި، 10މ އެއަރ ރައިފަލް މިކްސްޑް ޓީމް ކެޓަގަރީންވެސް ޤައުމީ ރެކޯޑް ވަނީ މުގުރާލާފައެވެ. 10މ އެއަރ ރައިފަލް މިކްސްޑް ޓީމް ކެޓަގަރީގައި ކޯޕްރަލް އިބްރާހީމް ޝިފާނާއި ސްޓާފް ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާން ވާދަކޮށް، 592.3 ގެ ސްކޯރއަކާއެކު އައު ޤައުމީ ރެކޯޑެއް ވަނީ ޤާއިމުކޮށްފައެވެ. ކުރިން މި ކެޓަގަރީގެ ޤައުމީ ރެކޯޑްގެ ގޮތުގައި ހޯދާފައިވާ ސްކޯރއަކީ 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފަސްޓް ސާޖަންޓް ޢަބްދުﷲ މުޙައްމަދާއި ލާންސް ކޯޕްރަލް އާސިފާ ޖައުފަރު ހޯދާފައިވާ 575 ގެ ސްކޯރއެވެ.
މިމަހުގެ 1 އިން 10 އަށް ކުރިއަށްދާ މި މުބާރާތުގައި އޭޝިއާގެ ބާރަ ޤައުމަކުން ވާދަކުރެއެވެ. ދިވެހިރާއްޖެއާއެކު މި މުބާރާތުގައި ދެން ވާދަކުރާ ޤައުމުތަކަކީ މެލޭޝިއާ، ނޭޕާލް، ޤަތަރު، ހޮން ކޮންގް، ސިންގަޕޫރު، ވިއެޓްނާމް، ދެކުނު ކޮރެއާ، ފިލިޕީންސް، ޖަޕާން، ކުވެއިތުގެ އިތުރުން މުބާރާތް ބާއްވާ ޤައުމު އިންޑޮނޭޝިއާއެވެ.